އޭޑީއެޗްޑީގެ ފަރުވާއަށް ދޭ 'މިތައިލްފެނިޑޭޓް' ބޭހެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ ރައީސް ދެއްވައިފި
ރާއްޖޭގައި އޭޑީއެޗްޑީ ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ފަރުވާދިނުމަށްޓަކައި، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގައި ހިމެނޭ 'މިތައިލްފެނިޑޭޓް' އަކީ ޞިއްޙީ ބޭނުމަށް ދެވޭނެ ބޭހެއްކަމުގައި ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޚާއްޞަ ޤަރާރެއް ނެރުއްވައިފިއެވެ.
ސަރުކާރުން މި ބަދަލު ގެންނަވާފައި ވަނީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން އެރުވި ލަފާގެ މައްޗަށް ބިނާކޮށް ވަޒީރުންގެ މަޖިލީހުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. އެއަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ސަރުކާރުން ވަނީ މިކަމަށް ޤާނޫނީ ރުހުން ހޯއްދަވާފައެވެ.
އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރައްވާފައި ވަނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ފުރަތަމަ ޖަދުވަލުގައި ހިމެނޭ މަނާ ތަކެތީގެ ލިސްޓުގެ 89ވަނަ ނަންބަރުން މިތައިލްފެނިޑޭޓް އުނިކުރުމަށެވެ. އަދި އޭގެ ބަދަލުގައި، އެއީ ކޮންޓްރޯލް ކުރެވިގެން ބޭހެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްކަމަށް ކަނޑައެޅުމަށް މަޖިލީހުން ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ އެކު، މި އުޞޫލަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މިއާއެކު، އޭޑީއެޗްޑީ ބަލީގެ މީހުންނަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން މިތައިލްފެނިޑޭޓް ފަސޭހަކަމާ އެކު ލިބޭނެ ޤާނޫނީ މަގު ތަނަވަސްވެގެން ދިޔައީއެވެ.