ޚަބަރު

ޢީދު ބަންދާ ދިމާކޮށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތި/ ފޮޓޯ: ދެން

ކުރިއަށް އޮތް ބޮޑު ޢީދުގެ ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ފުރަން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

Ads by Allied

މެޓް އޮފީހުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ބ. އަތޮޅުން ފެށިގެން އއ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ވަނީ މިއަދުގެ މެންދުރުފަހު 15:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، އުތުރުގެ ހއ. އަތޮޅުން ފެށިގެން މެދުތެރޭގެ ވ. އަތޮޅާ ހަމައަށް ހަވީރު 17:00 ގެ ނިޔަލަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައިވެސް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ބަލައި މެޓުން ރީނދޫ ސަމާލު ނެރުނެވެ. މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެއެވެ.

މާދަމާއިން ފެށިގެން ޢީދުގެ ބޮޑު ޗުއްޓީ ފެށޭއިރު، ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަނޑުމަގުން ދަތުރުކުރުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް، މޫސުން ގޯސް މި ދުވަސްވަރު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް އިންތިހާއަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. ދިވެހިންގެ އާދަކާދައިގައި މޫސުން ބަލާ މިންގަނޑަށް ރިއާޔަތްކުރާއިރު، މިއަދަކީ ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ބެލެވޭ ރޯނު ނަކަތުގެ ދެވަނަ ދުވަހެވެ.

Ads by Allied Insurance