ޚަބަރު

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ސުންގަޑި ފަސްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރިއަށް އޮތް އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން ލިޔެކިޔުންތައް ހޯދުމަށް އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ފަސްކޮށްފިއެވެ.

Ads by Allied

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މުއްދަތު ކުރިން ކަނޑައަޅާފައި އޮތީ މި ހިނގާ މަހުގެ ނިޔަލަށް ހަމަވާ ގޮތަށެވެ. އެހެންނަމަވެސް، އަލަށް ގެނެވުނު ބަދަލާ އެކު ދެން ފޯމު ބަލައިގަންނާނީ އަންނަ މަހުގެ 15ވަނަ ދުވަހުގެ ރޭގަނޑު 11:59އާ ހަމައަށެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި މި ނިންމުން ނިންމީ، ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރުކުރުމާއި، ސަރުކާރު އޮފީސްތައް ބަންދުވުމުގެ ސަބަބުން އެޕްލިކޭޝަނަށް ބޭނުންވާ ސައްހަ ލިޔެކިޔުންތައް އެއްކުރުމަށް އާންމުންނަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެ، އެކަމުގެ ޝަކުވާތައް ލިބެމުންދާތީއެވެ. މީގެ އިތުރުން، މިކަމަށް ހާއްސަކޮށްފައިވާ ކޯލް ސެންޓަރު ޢީދު ބަންދަށްފަހު އަލުން ހުޅުވިގެންދާނީ އާދިއްތަ ދުވަހުކަމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.

ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރައްވައި، ކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ދާދިފަހުން މައުލޫމާތު ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން ފޯމުލާފައިވާއިރު، ފުރިހަމަނުކޮށް ޑްރާފްޓް މަރުހަލާގައިވެސް 17،000 އެއްހާ އެޕްލިކޭޝަން ހުރިކަމަށާއި، މި ހުރިހާ ފޯމަކާއެކު ޖުމްލަ 37،000 އެޕްލިކޭޝަން ލިބޭނެކަމަށް ލަފާކުރެއްވޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" މި ނަމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަޢާރަފުކުރި މި ސިޔާސަތުގެ ދަށުން ބޮޑެތި ޢަދަދުތަކުން ގޯއްޗާއި ފްލެޓް ދޫކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި، ރަސްމާލެއާއި މާލެ ސަރަހައްދު ހިމެނޭހެން ދޫކުރާ 15،000 ގޯއްޗާއި، މާލެ ސަރަހައްދަށް ޚާއްޞަކޮށްފައިވާ 7،900 ފްލެޓް ހިމެނެއެވެ.

Ads by Allied Insurance