ޚަބަރު

ތެއްތިރީސް އަހަރަށް ފަހު، އަރަފާތު ދުވަހުގެ އިރު ގެފުޅާ ސީދާ އޮލަނބަށް!

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މި އަހަރުގެ އަރަފާތު ދުވަހަކީ، 33 އަހަރުގެ ދިގު މުއްދަތަކަށް ފަހު، އިރު ގެފުޅުގެ ސީދާ މައްޗަށް އަރައި އެއްވެސް ދިމާއަކަށް ހިޔަނި ނޭޅޭނެ ފަދައިން އޮލަނބުވާނެ ދުވަހެއްކަން ފަލަކީ އިލްމުވެރިން އިއުލާންކޮށްފިއެވެ.

Ads by Allied

މަދުން ނޫނީ ނުފެންނަ ގުދުރަތީ ކަންތައް އެންމެ ފަހުން ދުނިޔެއަށް ތަޖުރިބާކުރެވިފައި ވަނީ މީގެ އެތައް އަހަރެއް ކުރިން، 1993ވަނަ އަހަރުގެ އަރަފާތު ދުވަހުގައެވެ. އާ ހިސާބުތަކުން ސާބިތުވާގޮތުގައި، 1447ވަނަ އަހަރުގެ ޙައްޖު މަހުގެ 9ވަނަ ދުވަހު (26 މޭ 2026 ގައި) ސައުދީ އަރަބިއްޔާގެ ގަޑިން މެންދުރު 12:18 ގައި އިރު ހުންނާނީ ސީދާ ކައުބަތުﷲ ގެފުޅުގެ މަތީގައެވެ. އެ ވަގުތާ ދިމާކޮށް މައްކާއަށް މެންދުރު ނަމާދުގެ ބަންގި ގޮވާއިރު، އިރާއި ދުނިޔެއާ ދެމެދު 151 މިލިއަން ކިލޯމީޓަރުގެ ރާސްތާއެއް ހުންނާނެއެވެ.

ޖޯގްރަފީގެ ގޮތުން މައްކާ އޮންނަ ސަރަހައްދުގެ ސަބަބުން، ކޮންމެ އަހަރަކު ވެސް ދެ ފަހަރެއްގެ މަތިން އިރު ގެފުޅާ ސީދާވެއެވެ. އެހެންނަމަވެސް، މި ހާދިސާ އަރަފާތު ދުވަހަކާ ގުޅިގެން އަންނަނީ އިސްލާމީ ހިޖުރީ ކަލަންޑަރާއި މީލާދީ ކަލަންޑަރުގެ ތަފާތުތަކުގެ ސަބަބުން ކޮންމެ 33 އަހަރެއްގެ ސައިކަލަކުންނެވެ.

މިކަމާ ގުޅޭގޮތުން ސައުދީގެ ނެޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީގެ ތަރުޖަމާނު ޙުސައިން އަލް ގަޙްތާނީ ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވައިފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ފަލަކީ ކަމަކަށްވުމާ އެކު، މީގެ ސަބަބުން މޫސުމަށް ނުވަތަ ފިނިހޫނުމިނަށް އާދަޔާޚިލާފު ބަދަލުތަކެއް ނާންނާނެއެވެ. އަދި ފިނިހޫނުމިން ބިނާވެގެން ވަނީ ވައިގެ ސްޕީޑާއި، ތެތްކަމާއި، ވިލާ އަދި ޕްރެޝަރަށް ކަމަށްވާ އިރު، އިރު ގެފުޅާ ސީދާވުމުން ހޫނުގަދަވާނެކަމަށް ފެތުރޭ ވާހަކަތަކަކީ ސައިންސުގެ އަލީގައި އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މޫސުމީ މައުލޫމާތު ހޯދުމުގައި ރަސްމީ ފަރާތްތަކަށް ބަރޯސާވުމަށް އޭނާ ވަނީ އާންމުންނަށް އިލްތިމާސްކުރައްވައިފައެވެ.

Ads by Allied Insurance