ޚަބަރު

ރާއްޖޭގެ އުތުރާއި މެދުތެރެއަށް މޫސުން ގޯސްވެ، ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ: މެޓް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ގަދަވަޔާ އެކު ކަނޑުތައް އާދަޔާޚިލާފަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

Ads by Allied

މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ބުނެއެވެ.

ވައިގަދަވުމުގެ ސަބަބުން މި ސަރަޙައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށާއި، ކަނޑުތައް ވެސް މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށާއި ކަނޑުގެ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށް މެޓުން ލަފާކުރެއެވެ.

ފާއިތުވި 24 ގަޑިއިރުގެ މޫސުމީ ރެކޯޑުތަކަށް ބަލާއިރު، ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް ޖުމްލަ 36 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

Ads by Allied Insurance