ރައީސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލަން ހުކުމް ކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޭންކު އެކައުންޓުތައް ދޫކޮށްލަން ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ރައީސް ޔާމީނަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ތުހުމަތާއެކު، އެކައުންޓުތައް ފްރީޒް ކުރުމަށް ކޮށްފައިވާ ހުކުމް، ހައިކޯޓުން ވަނީ ބާތިލުކޮށް އެ އެކައުންޓުތައް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
ހައިކޯޓުގެ އެހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިއަދު އެކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް ރައީސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލަން އަމުރު ކޮށްފައެވެ.
ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލުކުރީ މިދިޔަ އަހަރުގެ މާރޗު މަހުގައެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫންއާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސުއޫދެވެ.
ސުޕްރީމް ކޯޓުން މިމައްސަލައާއިމެދު މިއަދު އަމުރު ކުރީ މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ އަމިއްލަފުޅު ނަމުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ފްރީޒް ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅިއިރު އެ ފައިސާއާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުމެއް އޮތް ކަން ފާހަގަކުރެވިފައި ނުވާތީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދު ނުކުރެވޭތީއެވެ. އެހެންކަމުން ރައީސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލުމަށް ކުރި އަމުރަށް ތާއީދު ކުރައްވާ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.