ބީއޯސީގެ ކައުންޓީ މެނޭޖަރ ފުރުން މަނާކޮށްފައިވާ ކަމުގެ އަމުރެއް ނެރެފައެއް ނުވޭ: ފުލުހުން

ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ކައުންޓީ މެނޭޖަރ ބީ.ކޭ ގުރޫސިންގޭ ފުރުން މަނާކޮށްފައިވާ ކަމުގެ އަމުރެއް ނެރެފައިވާ ކަމުގެ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.
ބީއޯސީ ގެ މާލެ ބްރާންޗުގެ ކައުންޓީ މެނޭޖަރ ބީ.ކޭ ގުރޫސިންގޭ ގެ މައްޗަށް، 2019 ވަނަ އަހަރު ޚިިޔާނާތުގެ ތުހުމަތެއް އުފުލިފައިވާ ކަމަށާއި އެކަމާއި ގުޅިގެން އޭނާ ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައި ކަމަށް މީސް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. އަދި އެއަމުރު ނެރެފައި ވަނިކޮށް އޭނާ ވަނީ "މުއްދަތު ހަމަނުވާ" އެހެން ނަމަވެސް ހިފަހައްޓާފައިވާ ޕާސްޕޯޓެއްގައި އިއްޔެ ރާއްޖެއިން ފިލާފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭނާ ފިލާފައިވަނީ މުއްދަތު ހަމަނުވާ ހޯލްޑު ކޮށްފައިވާ ޕާސްޕޯޓެއް އަތުގައި ވަނިކޮށް އެމްބަސީ މެދުވެރިކޮށް އާ ނަންބަރަކަށް ޕާސްޕޯޓެއް ހަދައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް "ދެން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބީއޯސީ ގެ ކައުންޓީ މެނޭޖަރ ގެ މައްޗަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެެރެފައި ނުވާ ކަމަށެވެ.
ބީ.ކޭ ގުރޫސިންގޭ ވަނީ 2019 ގައި ހިނގި ޚިޔާނާތުގައި މީހުންގެ ޑޮލަރ އެކައުންޓުތަކުން ލަންކާގެ އެކައުންޓުތަކަށް ޓީޓީ ކޮށްފައި ކަމަށާއި، ލޯކަލް އެކައުންޓުތަކާއި ދެމެދު، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ބޭންކުގެ އެކި އެކައުންޓުތަކަށް ފައިސާ ޓްރާންސްފަރ ކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.