ރޭ ބޯކޮށް ވާރޭވެހި، ފޭދޫ ފެނުއަޑީގައި
ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ރޭ އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، އައްޑޫ ސިޓީ ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ފަށާފައި ވަނީ ރޭ 03:45 ހާއިރު ކަމަށެވެ.
ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ މިއަދު 10:10 ހާއިރު ވަންދެން ހަރަކާތްތެރިވެފައި ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
މިހާރު އެ ރަށުގެ މަގުތަކުގައި ބޮޑުވެފައި ހުރި ފެންގަނޑު ހިއްކައި، މިހާރު އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ވެސް ދިފާއީ ބާރުން ބުނެއެވެ.