ދުނިޔެ

އައިއެމްއެފް، ޗައިނާ އަދި އަސްކަރިއްޔާ: ޕާކިސްތާނުގެ ފޮރުވިފައިވާ ބާރުގެ ކޯޅުން

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

2025 އިން 2026 ވަނަ އަހަރާ ކުރިމަތިލާއިރު ޕާކިސްތާނުގެ އިޤްތިޞާދީ ކާރިސާވަނީ އާދައިގެ މާލީ ދަތިކަމަކަށްވުރެ މާ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ލިޔުންތެރިޔާ ޑިމިޓްރާ ސްޓައިކޯ ހާމަކުރައްވާ ގޮތުގައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއެކު ބެއިލްއައުޓް ޕެކޭޖުތަކުގެ މަޝްވަރާތައް ކުރިއަށްދާއިރު، އެ ޤައުމުގެ އިޤްތިޞާދީ މައިގަނޑު ބާރުތައް ކޮންޓްރޯލްކުރުމަށް އައިއެމްއެފް އާއި ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެމެދު ވަރުގަދަ ނަމަވެސް ސިއްރު ކޯޅުމެއް ދަނީ ހިނގަމުންނެވެ. ދައުލަތުގެ ކުންފުނިތަކާއި، ހަކަތަ އުފައްދާ މަރުކަޒުތަކާއި، ބަނދަރުތަކާއި ބޭންކުތައް ފަދަ ތަންތަން ވަނީ މި ދެ ފަރާތުގެ ކުރިމަތިލުމުގެ މައިދާނަކަށް ވެފައެވެ. އެއްކޮޅުން އަސްކަރިއްޔާއިން ބޭނުންވަނީ އަވަސްމިނުގައި އިންވެސްޓްމަންޓްތައް ގެނައުމަށެވެ. އަނެއްކޮޅުން އައިއެމްއެފްއިން ބާރުއަޅަނީ ޖަވާބުދާރީވުމާއި ހާމަކަން ބޮޑު އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ޤާއިމުކުރުމަށެވެ.

Ads by Allied

މި ސްޓްރެޓެޖީގެ މައިގަނޑު ނާރެހަކީ އިޤްތިޞާދީ ދަތިކަމުގެ ތެރޭގައި ބޭރުގެ އިންވެސްޓްމަންޓްތައް އަވަސްކުރުމަށް އުފައްދާފައިވާ 'ސްޕެޝަލް އިންވެސްޓްމަންޓް ފެސިލިޓޭޝަން ކައުންސިލް' (އެސްއައިއެފްސީ) އެވެ. ރަސްމީ ސިފައެއްގައި މިއީ އިދާރީ ހުރަސްތައް ނައްތާލައި އިންވެސްޓްކުރުން ފަސޭހަކޮށްދޭ އާލަތެއްގެ ގޮތުގައި ދެއްކި ނަމަވެސް، ޙަޤީޤަތުގައި މިއީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ބާރުގަދަ އިޤްތިޞާދީ ހަތިޔާރެކެވެ. މި ކައުންސިލް މެދުވެރިކޮށް، ދައުލަތާއި ބޭރުގެ އިންވެސްޓަރުންނާ ދެމެދު މެދުވެރިންގެ ދައުރު އަދާކުރަނީ އަސްކަރިއްޔާގެ އިސް އޮފިޝަލުންނެވެ. އަދި ޤައުމުގެ ސިޔާސީ އަދި އިދާރީ މުއައްސަސާތައް އެއްފަރާތްކުރުމަށްފަހު، ހަލުވިކަމާއެކު ހުއްދަތައް ދިނުމާއި ޚާއްޞަ އިމްތިޔާޒުތައް ދިނުން އެސްއައިއެފްސީގެ ތެރެއިން ކުރިއަށްދެއެވެ.

ޕާކިސްތާނުގެ އިޤްތިޞާދުގައި އަސްކަރިއްޔާގެ ނުފޫޒު އޮތުމަކީ އާ ކަމެއް ނޫނެވެ. މާޒީގައިވެސް ސަލާމަތީ އަދި ޚާރިޖީ ސިޔާސަތުގެ އިތުރުން، އަސްކަރީ ފައުންޑޭޝަންތަކާއި ވިޔަފާރި ކުންފުނިތައް މެދުވެރިކޮށް އިޤްތިޞާދުގައި އެ ފަރާތުގެ ހިއްސާ ބޮޑެވެ. ނަމަވެސް 2025 އަދި 2026 ވަނަ އަހަރު މި ނުފޫޒު މުޅިން އާ ހަރުފަތަކަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. އެސްއައިއެފްސީ ވުޖޫދަށް އައުމާއެކު، ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމާއި މެނޭޖުކުރުމުގައި އަސްކަރިއްޔާގެ ސީދާ ދައުރުވަނީ ރަސްމީވެފައެވެ. މި ބަދަލުތައް އައީ، އިންފްލޭޝަނާއި ހަކަތައިގެ ދަތިކަމާއި މާލީ ޕްރެޝަރުތައް މެނޭޖުކުރުމުގައި މަދަނީ ސަރުކާރުތައް ނުކުޅެދުމުގެ ސަބަބުންނެވެ. މިފަދަ ދަނޑިވަޅެއްގައި އަސްކަރިއްޔާއިން ދެއްކި މަންޒަރަކީ، އިޤްތިޞާދީ ހަމަޖެހުން ގެނެވޭނީ މަރުކަޒީ އަދި "ޑިސިޕްލިންޑް" ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެސްއައިއެފްސީ ވެގެންދިޔައީ ބިއުރޯކްރަސީއާއި ސިޔާސީ ކޯޅުންތަކުން ސަލާމަތްވެފައިވާ ސަފުދޭކަ ނިޒާމަކަށެވެ. އެހެންނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި މީގެ ސަބަބުން އަސްކަރިއްޔާގެ އަސްލު ދައުރުން ބޭރުން އިޤްތިޞާދީ ބާރުތައް އެފަރާތަށް ލިބިގެންދެއެވެ.

މި އެއްބަސްވުންތަކުގައި ހިމެނޭ އިޤްތިޞާދީ ވިއުގަތަކާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ޖީއޯޕޮލިޓިކަލް މުހިންމުކަން ވަރަށް ބޮޑެވެ. ޕާކިސްތާނުގެ މުސްތަޤުބަލުގެ އިޤްތިޞާދަށް މުހިންމު ދާއިރާތަކުގައި އިންވެސްޓްކުރާ މައިގަނޑު ފަރާތްތަކަކީ ޗައިނާއާއި ގަލްފުގެ ޤައުމުތަކެވެ. ބެއިޖިންގަށް މިއީ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' (ބީއާރުއައި) ގެ އަމާޒުތަކާ ގުޅިފައިވާ ކަމެކެވެ. ގަލްފުގެ ޤައުމުތަކަށް ޕާކިސްތާނަކީ ދެކުނު އޭޝިއާގެ މުހިންމު ބައިވެރިއެކެވެ. މި މަސްރަޙުގައި، އެސްއައިއެފްސީގެ ސަބަބުން ބޭރުގެ ފަރާތްތަކަށް ޕާކިސްތާނުގެ މުހިންމު ވަސީލަތްތަކަށް ވަނުމަށް މަގުފަހިވެއެވެ. ހަކަތައާއި، ލޮޖިސްޓިކްސް އަދި މައިނިންގ ފަދަ ދާއިރާތަކުން އެސްއައިއެފްސީގެ ބެލުމުގެ ދަށުން އަވަސް ނިޒާމެއްގެ ތެރެއިން އިންވެސްޓްމަންޓްތައް ކުރިއަށްދާތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ބައިނަލްއަޤްވާމީ މުޙައްލިލުންނާއި ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، އިޤްތިޞާދީ ނިންމުންތަކުގައި އަސްކަރީ ނިޒާމުތައް ބޭނުންކުރުމަކީ ސިޔާސީ ޖަވާބުދާރީވުން ކުޑަކޮށް، މަދަނީ އަދި ޕާލަމެންޓަރީ މުއައްސަސާތަކުގެ ދައުރު ހަނިކުރާ ކަމެކެވެ.

އައިއެމްއެފްއިން ކަންބޮޑުވަނީ އިންވެސްޓްމަންޓްތައް ގެންނާތީއެއް ނޫނެވެ. އެކަން ކުރިއަށްގެންދާ ގޮތާމެދުގައެވެ. އަސްކަރިއްޔާއިން ކޮންޓްރޯލްކުރާ އިޤްތިޞާދީ ނިޒާމުތަކުގައި ފުރިހަމަ ހާމަކަންބޮޑުކަމާއި، ސިޔާސީ އޯވަސައިޓް އަދި މުއައްސަސާތަކުގެ ޖަވާބުދާރީވުން ނޯންނާނެކަމަށް އައިއެމްއެފްއިން ދެކެއެވެ. ސިޔާސީ މުއައްސަސާތައް އެއްފަރާތްކޮށް، އިންތިޚާބުނުކުރާ ބައެއްގެ އަތަށް އިޤްތިޞާދީ ބާރުތައް ޖަމާވުމަކީ ދިގު މުއްދަތަކަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ކަމެއް ނޫނެވެ. އައިއެމްއެފްގެ ނަޒަރުގައި، ބައިނަލްއަޤްވާމީ ބެއިލްއައުޓްތަކަށް ބަރޯސާވާ ޤައުމަކުން އެގޮތަށް ފޮރުވިފައިވާ ނިޒާމުތަކެއްގެ ތެރެއިން ކަންކަން ކުރުމަކީ މުއައްސަސާތަކުގެ ހަމަޖެހުން ގެއްލޭނެ ކަމެކެވެ. އިޤްތިޞާދީ ކަންކަމުގެ ތެރެއަށް އަސްކަރިއްޔާ ވަނުމަކީ ޕާކިސްތާނުގެ ސިޔާސީ މުއައްސަސާތަކާމެދު އޮތް އިތުބާރު ކުޑަވުމާވެސް ގުޅިފައިވާ ކަމެކެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ގިނަ އިންވެސްޓަރުންނަށާއި ދައުލަތުގެ ބައެއް ފަރާތްތަކަށްވެސް ފެންނަނީ އަސްކަރިއްޔާއަކީ ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ހަމައެކަނި މުއައްސަސާގެ ގޮތުގައެވެ. ނަމަވެސް މިއީ ނުރައްކާތެރި ބުރުވަކެކެވެ. އަސްކަރިއްޔާގެ އިޤްތިޞާދީ ދައުރު ބޮޑުވި ވަރަކަށް، އެކަން ބެލެންސްކުރަން ހުރި މަދަނީ މުއައްސަސާތައް ދާނީ ބަލިކަށިވަމުންނެވެ.

ނަތީޖާއެއްގެ ގޮތުން، އައިއެމްއެފް އާއި ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެމެދު އޮތް ކޯޅުމަކީ ހަމައެކަނި އިޤްތިޞާދީ ކަމެއް ނޫނެވެ. މިއީ ޕާކިސްތާނުގެ މުސްތަޤުބަލާ ގުޅިފައިވާ ކަމެކެވެ. އެއްކޮޅުން ފެންނަނީ އަވަސް، މަރުކަޒީ ނިންމުންތަކާއި އަސްކަރީ މެނޭޖްމަންޓުގެ މައްޗަށް ބިނާވެފައިވާ މޮޑެލެކެވެ. އަނެއްކޮޅުން ފެންނަނީ ހާމަކަންބޮޑު، އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޖަވާބުދާރީވަނިވި މޮޑެލެކެވެ. މިހާރު ޕާކިސްތާނުގެ ކާރިސާއަކީ ހަމައެކަނި ދެކުނު އޭޝިއާއަށް އޮތް މައްސަލައެއް ނޫނެވެ. މިއީ އިޤްތިޞާދީ ބަރޯސާވުމާއި، އުމްރާނީ ތަރައްޤީގެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ޖީއޯޕޮލިޓިކަލް ނުފޫޒު ފޯރުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިނގަމުންދާ ބާރުގެ ބަދަލުވުންތަކުގެ ބައެކެވެ. އައިއެމްއެފް އާއި އަސްކަރިއްޔާގެ ކޯޅުމުން ރަމްޒުކޮށްދެނީ، ހުޅަނގުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމާއި، ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކާއި ދައުލަތުގެ ބާރު ގުޅިފައިވާ މަރުކަޒީ ނިޒާމާ ދެމެދު ހިނގާ ބައިނަލްއަޤްވާމީ ވާދަވެރިކަމެވެ.

މި ކަންކަމުގެ ތެރޭގައި ޗައިނާއިން ޕާކިސްތާނުގައި އަދާކުރާ ދައުރު ވަރަށް މުހިންމެވެ. ބެއިޖިންގް އިން މިހާރު ޕާކިސްތާނު ދެކެނީ ހަމައެކަނި އިޤްތިޞާދީ ބައިވެރިއެއްގެ ގޮތުގައެއް ނޫނެވެ. އެއީ އޭޝިއާ، މެދުއިރުމަތި އަދި އިންޑިއާ ކަނޑު ގުޅުވާލަދޭ 'ބެލްޓް އެންޑް ރޯޑް' ގެ މުހިންމު ޖިއޯސްޓްރެޓެޖިކް ހަބެކެވެ. ގްވާދަރް ބަނދަރާއި، ހަކަތައިގެ އިންވެސްޓްމަންޓްތަކަކީ ޗައިނާއިން ދެކުނު އޭޝިއާއަށް ފޯރުވާ އިޤްތިޞާދީ ނުފޫޒުގެ ބޮޑު ސްޓްރެޓެޖީގެ ބައެކެވެ. ވިލާތުގެ ޤައުމުތަކަށް ބަލާއިރު، ޕާކިސްތާނަކީ އިޤްތިޞާދީ ބަލިކަށިކަމުގެ ސަބަބުން ސިޔާސީ އަދި މުއައްސަސާތަކުގެ މިނިވަންކަން ގެއްލިގެންދާ ގޮތުގެ އިންޒާރުގެ މިސާލެކެވެ. ޔޫރަޕިއަން ޔޫނިއަންއިން ދަނީ ޗައިނާގެ ނުފޫޒާ ދެކޮޅަށް 'ގްލޯބަލް ގޭޓްވޭ' ގެ ނަމުގައި ހާމަކަންބޮޑު މަޝްރޫޢުތަކެއް ފަށާފައެވެ. ހަމައެއާއެކު، ޗައިނާގެ ބީއާރުއައި އާއި ތުރުކީ ފަދަ ސަރަޙައްދީ ބާރުތަކުގެ ނުފޫޒު ފުޅާވުމަކީ ދެކުނު އޭޝިއާއިން ފެށިގެން އިރުމަތީ މެޑިޓަރޭނިއަންއާ ހަމައަށް އުފެދެމުންދާ އާ ޖީއޯޕޮލިޓިކަލް ވާދަވެރިކަމެއްގެ ފެށުމެވެ. ތުރުކީގެ އަންކާރާއިންވެސް ދަނީ އުމްރާނީ ވިއުގަތައް މެދުވެރިކޮށް އޭޝިއާއާއި މުސްލިމް މާކެޓްތަކުގައި އެ ޤައުމުގެ ޖިއޯ-އިކޮނޮމިކް ނުފޫޒު ފުޅާކުރަމުންނެވެ.

Ads by Allied Insurance