ޚަބަރު

މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ފޮޓޯ/ މަޖިލީސް)

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފިއެވެ.

Ads by Allied

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ވައްދާފައިވަނިކޮށް އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މަޖިލީހަށް ނައިބު ރައީސަކު އިންތިހާބުކުރަން މިއަދު ކުރިއަށް ގެންދިޔަ ޖަލްސާގައި ސަލީމްގެ ނަން ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހެވެ. ފަލާހުގެ ނަމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އަދި އެ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހީމް ޝުޖާއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)ގެ ނަމެވެ. އެ ނަން ހުށަހެޅުއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ އެވެ. އެ ނަމަށް ތާއީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރެވެ.

ނައިބު ރައީސަކު އިންތިހާބުކުރަން މަޖިލިހުގައި ނެގީ ސިއްރު ވޯޓެކެވެ. ސަލީމް އިންތިހާބުވީ 62 މެންބަރުންގެ ވޯޓުންނެވެ. ފިއްޓެއަށް ލިބެނީ 10 ވޯޓެވެ.

އަހުމަދު ސަލީމަކީ މި ވަގުތު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން، ފެހި ގާނޫނުއަސާސީއަށް ފަހުގައި މެދުކެނޑުމެއް ނެތި އެ މަޖިލީހުގައި އިންނެވި އެއް މެންބަަރެވެ. މިއީ އޭދަފުށި ދާއިރާ އޭނާ ތަމްސީލްކުރައްވާ ހަތަރުވަނަ ދައުރެވެ.

މަޖިލީހުގެ ނާއިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައި ވަނިކޮށް ނާޒިމް މިއަދު އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.

Ads by Allied Insurance