ޚަބަރު

ހައްޖުވެރިން އެނބުރި އަންނަ ދުވަސްތައް ބާރުބޮޑުވާނެ، ފެރީ އާއި ބަސް ބޭނުންކުރޭ: އެމްއޭސީއެލް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހައްޖުވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި--

ހައްޖުވެރިން އެނބުރި ރާއްޖެ އަންނަ ދުވަސްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ ފެރީ އާއި ބަސް ބޭނުން ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ނެރުނު ޕެސެންޖާ އެޑްވައިސަރީގައި ބުނެފައި ވަނީ މި އަހަރު ހައްޖުގެ އަޅުކަމަށް ފަހު ހައްޖުވެރިން އެނބުރި އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 6،7،8 އަދި 9ވަނަ ދުވަހު ކަމަށެވެ. އެ ދުވަސްތަކު ހައްޖުވެރިން ބަލައި އަންނަަ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ދަތުރުވެރިން އެއާޕޯޓަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މިކަމުގެ ސަބަބުން އެއާޕޯޓުގެ ޓްރެފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ދަތުރުވެރިން ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށާއި އެ ދުވަސްތަކުގައި އެއާޕޯޓަށް ދާއިރު ފެރީ ނުވަތަ ބަސް ބޭނުންކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ. އަދި އެމްއޭސީއެލުން ވަނީ މިފަދަ ދަނޑިވަޅުގައި ދަތުރުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ވެސް އަދާކޮށްފައެވެ.

ކޮންމެ އަހަރަކު ވެސް ރާއްޖެއިން ގިނަ އަދަދެއްގެ މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ދަތުރުކުރެއެވެ. މި އަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔައެވެ.

Ads by Allied Insurance