ޚަބަރު

އައްޑޫގެ އަންހެނުންގެ ކޮމިޓީން ސިންގަޕޫރާއި މެލޭޝިއާއަށް ކުރި ތަޖުރިބާގެ ދަތުރުތަކަށް 700،000އެއްހާ ރުފިޔާ ހަރަދުކުރި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ސިޓީ ކައުންސިލް އިދާރާ--

އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ސިންގަޕޫރާއި މެލޭޝިއާއަށް ކުރި ތަޖުރިބާގެ ދަތުރުތަކަށް 700،000އެއްހާ ރުފިޔާ ހަރަދުކުރިކަން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން އެކުލަވާލި 2022، 2023އަދި 2025ގެ އޮޑިޓް ރިޕޯޓު މިއަދު އާންުމުކޮށްފައިވާ އިރު އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން ނުވަ މެމްބަރުންނާއި ކައުންސިލް މެމްބަރަކާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމުލަ 11ބޭފުޅުން މެލޭޝިއާ އަދި ސިންގަޕޫރަށް 8ދުވަހުގެ ދަތުރެއް 2024ވަނަ އަހަރުކުރި ކަމަށެވެ.

އެ ދަތުރަށް ހިނގާނޭ ކަމަށް ބެލެވޭ ފައިސާ ސްޕޮންސާއެއް ނުވަތަ ބޭރުގެ އެހީއަކުން ކަވަރުކުރެވޭ ގޮތް ހޯދުމުމުގެ ބަދަލުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުން 685,509އެ ދަތުރަށް ކުރި ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެ ދަތުރަށް ކުރި ހަރަދުތަކުގެ ތެރެއިން ޕޮކެޓް މަނީއަށް އެކަނިވެސް 347,891ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އެހެން ނަމަވެސް އެ ދަތުރުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި ސިޓީގެ އަންހެނުންގެ ތަރައްގީއަށް ކުރެވޭނެ ކަންތައްތަކާއި އެ ކަންތައްތައް ތަންފީޒުކުރާނެ ގޮތެއްވެސް ދަތުރު ރިޕޯޓުގައި ހިމަނާފައިނުވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެ ދަތުރުތަކުގެ ހަރަދުތަކަށް ރިއާޔަތްކޮށް އޮޑިޓް ރިޕޯޓުގައި ވަނީ ފިނޭންސް މިނިސްޓްރީގެ މާލިއްޔަތާއިބެހޭ ސާކިއުލާގައި އިރުޝާދު ދޭގޮތަށް ހަރަދުތައް ކުރުމުގައި އަމަލުކުރުމަށް ލަފާދީފައެވެ. އަދި ސިޓީތަކާއި އިދާރީ ހިންގުމާއ،ި އާންމު މަސައްކަތާބެހޭ ވުޒާރާއިން ނެރެފައިވާ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަންކަން ތަންފީޒު ކުރެއްވުމާއިބެހޭ ސާކިއުލަރއާއި އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance