ފިޗުން ރާއްޖޭގެ ދަރަޖަ މަތިކުރުމުގެ ސިއްރަކީ ރައީސްގެ ހަރުދަނާ މާލީ އިސްލާޙުތައް: ޒަމީރު
ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިންގ އޭޖެންސީ ފިޗުން ރާއްޖޭގެ ދަރަޖަ 'ސީސީސީ-' އަށް އުފުލުމާ ގުޅިގެން، އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި މާލީ އިސްލާޙުތަކުގެ ފޮނި ނަތީޖާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގެ މަންސަ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ކުރިއެރުން ލިބުމުގެ އެންމެ ބޮޑު އަސާސަކީ ނިމިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ދައުލަތުން އަދާކުރަންޖެހިފައި އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ޚަލާޞްކުރުމެވެ. މިއީ ދިވެހިރާއްޖޭގެ އިޤުތިޞާދީ ދުވެލި ހެޔޮ މިސްރާބަކަށް އެނބުރިފައިވާކަމުގެ ސާފު ހެއްކެއްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދައުލަތުގެ ޚަރަދުބަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ތަންފީޛުކުރުމުގައި ރައީސް ދައްކަވަމުން ގެންދަވާ ނަމޫނާ އިސްވާރުކަމާއި ދެއްވާ އިރުޝާދުތަކަށް މާލީ ވަޒީރު ވަނީ ޝުކުރުއަދާކުރައްވައި ތަޢުރީފުކުރައްވާފައެވެ. އަދި ކުރިމަގުގައި ވެސް ޤައުމުގެ ދަރަނީގެ ހާލަތު މެނޭޖުކޮށް، މާލީ ފުދުންތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
ދަރަޖަ މަތިކުރުމަށް ނިންމި ސަބަބުތައް ބަޔާންކުރަމުން ފިޗުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، ސުކޫކުގެ ބޮޑު އިންސައްތައެއް އަދާކުރުމުގެ ސަބަބުން ބޭރުގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. މިއީ ކުރިމަތިވެފައި އޮތް މާލީ އަދި އިޤުތިޞާދީ ނުރައްކާތަކުން ސަލާމަތްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ބަލައިގަނެފައެވެ.
މީގެ އިތުރުން، މި ފަހި ބަދަލަކީ ފާއިތުވި ދުވަސްތަކުގައި ދައުލަތުގެ ރިޒާވް ރައްކާތެރިކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސީދާ ނަތީޖާކަމަށް ސަރުކާރުން ބުނެއެވެ. ޚާއްޞަކޮށް، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށްޓަކައި އަލަށް ތަޢާރަފުކުރެވުނު ބޭރު ފައިސާއާބެހޭ ޤާނޫނުތަކުގެ ސަބަބުން ރިޒާވް އަލުން ބިނާކުރުމަށް މަގުފަހިވެފައިވާކަން ފިޗުންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ލިބެމުންދާ އެހީތެރިކަން އިތުރުވުމަކީ ވެސް އިޤުތިޞާދީ ދުޅަހެޔޮކަމަށް ލިބުނު ބޮޑު ބާރެއްކަމުގައި އެ އެޖެންސީން ކަށަވަރުކޮށްދެއެވެ.