ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެެރެ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު، ޑިވައިންޓެސްޓް، މުހައްމަދު އަންދާޒު އަހްމަދު (39އ)އެވެ. އޭނާ ހައްޔަރުކުރީ ހިންނަވަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުން ބުނި ގޮތުގައި އަންދާޒު ހައްޔަރު ކުރީ އެރަށުގެ އޭޓީއެމް ބަނދަރު ސަރަހައްދުން ކަމަށާއި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެތަކެތީގެ ވަގުތީ ބަރުދަނުގައި 189.5 ގުރާމު ހުންނާނެކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އަންދާޒު ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓުން ހާޒިރުކުރުމުން، އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.