އެފްޑީސީ ފްލެޓްތައް ގަވާއިދާ ޚިލާފަށް ކުއްޔަށްދިން މީހަކު ޖޫރިމަނާކޮށް އިތުރު ބަޔަކަށް އިންޒާރުދީފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ފްލެޓްތައް އެއްބަސްވުމާ ޚިލާފަށް ތިންވަނަ ފަރާތަކަށް ކުއްޔަށް ދީފައިވާކަން ފާހަގަކުރެވިގެން، އެ ކޯޕަރޭޝަނުން އެކަކު ޖޫރިމަނާކޮށް އިތުރު ތިން ފަރާތަކަށް ހަރުކަށި އިންޒާރު ދީފިއެވެ.
އެ ކުންފުނިން މައުލޫމާތު ދިންގޮތުގައި މިފަދަ މައްސަލަތަކެއް މިހާރު ތަހުގީގުކުރަމުން ގެންދާ ކަމަށާއި އެ މައްސަލަތަކުގައި ވެސް ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެއެވެ. އަދި މި މައްސަލަތަކުގެ ތެރޭގައި ފްލެޓްތައް ބިދޭސީންނަށް ކުއްޔަށް ދިނުމުގެ މައްސަލަތައް ހިމެނޭއިރު، އެފަދަ އަމަލުތައް ތަކުރާރުކުރާނަމަ އެ ފްލެޓްތައް އަތުލާނެކަމުގެ އިންޒާރު ދީފައިވާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން ދާދި ފަހުން ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ ފްލެޓަކުން އެ މީހުން ނެރެ، އެތަން ލިބިފައިވާ ފުލެޓުގެ އާއިލާއިން މިހާރު ވަނީ އެތަނަށް ދިރިއުޅުން ބަދަލުކޮށްފައި ކަމަށް ވެސް އެފްޑީސީއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އެފްޑީސީން ބުނެފައި ވަނީ ފަހި ފްލެޓްތަކާއި ހިޔާ ފްލެޓްތަކުގެ ފެންވަރު އަޅާނުކިޔޭނެ ކަމަށާއި، އެހެންކަމުން އެތަންތަނުގެ ކުލި ކުޑަކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފަސޭހަކަމާ އެކު އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.