ޚަބަރު

ބީއެމްއެލްގެ އިސްވެރިން އެސްއޯއީ ކޮމިޓީ އަށް ހާޒިރުކޮށްދޭން އެދިއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޕޭމެންޓްތަކަށް ހުރަސްއެޅޭތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ އަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު (ކުޑޫ) އެދިވަޑައިގެންފިއެވެ.

މެންބަރު ކުޑޫ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ލިޔެފައިވާ ސިޓީގައިވާ ގޮތުގައި މި ފަހަކަށް އައިސް ރައްޔިތުންގެ ފަރާތުން ބީއެމްއެލް އާ މެދު ގިނަ ޝަކުވާތަކެއް އަންނަނީ ލިބެމުންނެވެ.

ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް ލިބޭ ބޭރު ފައިސާ މާރުކުރަން މަޖުބޫރުކޮށް ފާސްކުރި ގާނޫނަށް އަމަލުކުރަން ފެށި ނަމަވެސް، އެކަމުގެ ސަބަބުން ޑޮލަރު ލިބުން ފަސޭހަ ނުވި ކަން ކުޑޫގެ ސިޓީގައި ފާހަގަކޮޮށްފައިވެއެވެ. އަދި މުދާ އެތެރެކުރާ ފަރާތްތަކުން ޑޮލަރުގެ ވަކި އިންސައްތައެއް ބޭނުންކުން ހަމަޖެއްސައިދޭނެ ކަމަށް އިއުލާނުކުރި ނަމަވެސް އެންމެންނަށް އެ ކަމުގެ މަންފާއެއް ނުވަތަ އިނާޔަތެއް ނުލިބޭކަމަށް ވެސް ކުޑޫގެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

ކުޑޫގެ ސިޓީގައި ދެވަނަ މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އާންމުކޮށް ބޭނުން ކުރާ އީ ކޮމާސް ވެބްސައިޓްތަކާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭ ވެބްސައިޓްތަކަށް ބީއެމްއެލް ގޭޓްވޭ ނުވަތަ އެކައުންޓްގެ ކާޑް ބޭނުންކޮށްގެން ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރު ކޮންމެ ދުވަހަކު ލިމިޓް ހަމަވެގެން ޕްރޮސެސް ނުކުރެވޭ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ދައްކާ ހާލަތުގައި ވެސް އެ ފައިސާ ލިބެންވާ ފަރާތުގެ އެކައުންޓަށް ނުލިބޭތީ ތަކެތި ގަތުމާއި ހިދުމަތް ލިބިގަތުމަށް ނުހަނު ބޮޑު ތަކްލީފުތައް ކުރިމަތިވާ ކަމަށް ވެސް މެންބަރު ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކައިގެން ބޭހާއި އިންޖެކްޝަނާއި ބޭބީ ފޯމިއުލާ އާއި ސަޕްލިމެންޓް ފަދަ ތަކެތި ރާއްޖޭން ބޭރުން އެތެރެކޮށްގެން ބޭނުންކުރަން ޖެހޭ ފަރާތްތަކަށް ތަކުލީފުތަކާއި ކުރިމަތިވަމުންދާ ކަމަށް ވެސް ވިދާޅުވެފައިއެވެ.

މީގެ އިތުރުން މެންބަރު ކުޑޫ ވަނީ މިފަދަ މައްސަލަތައް އެހެން ހުރި ކަމުގައިވީނަމަވެސް އެ މައްސަލަތައް ދިމާނުވާ ކަމަށާއި ރައްޔިތުންނަށް ބަރާބަރަށް ޑޮލަރު ފޯރުކޮށްދެމުންދާ ކަމަށް ބުނެ ބީއެމްއެލުން ހަގީގަތް ފޮރުވަމުންދާ ކަމަށް ތުހުމަތުކުރައްވާފައިވެއެވެ. އަދި މި ކަންކަމުގައި ރައްޔިތުންގެ ޝަކުވާ ކުރަމުންދާކަން ފާހަގަ ކުރެވޭތީ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ބީއެމްއެލް ހާޒިރުކުރުމަށް އެދޭ ކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ.

Ads by Allied Insurance