ހިތަދޫ އުތުރުގެ ގޮނޑި ކާމިޔާބު ނުވިޔަސް، ރައްޔިތުން ދިން ބޮޑު ތާއީދަށް ޕީއެންސީން ޝުކުރުއަދާކޮށްފި
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ކެންޑިޑޭޓަށް ގިނަ ބަޔަކު ވޯޓުދީފައިވާތީ، އެކަމުގެ އަގުވަޒަންކޮށް އެ ދާއިރާގެ އާންމު ރައްޔިތުންނަށް އެ ޕާޓީން ޝުކުރުއަދާކޮށްފިއެވެ.
ދާދި ކުޑަ ތަފާތަކުން އިންތިޚާބު ކާމިޔާބު ނުކުރެވުނު ނަމަވެސް، ޕީއެންސީން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައި ވަނީ އިދިކޮޅު ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރި މި ދަނޑިވަޅުގައި، އެއްވެސް އިތުރު ސިޔާސީ ބާރެއްގެ އެހީތެރިކަމާ ނުލައި އެ ޕާޓީގެ ކެންޑިޑޭޓް އަޙްމަދު ސައީދު ހޯއްދެވި ނަތީޖާއަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ.
މި އިންތިޚާބުގެ ވޯޓުފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ހިތަދޫގައި ބެހެއްޓި ފަސް ފޮށީގެ ތެރެއިން ތިން ފޮށީގެ މެޖޯރިޓީ އަދި މާލޭގައި ބެހެއްޓި ދެ ފޮށީގެ ތެރެއިން އެއް ފޮށީގެ މެޖޯރިޓީ ނެންގެވީ ސައީދެވެ. އޭގެ އިތުރުން، އައްޑޫގައި ބެހެއްޓި ހުރިހާ ފޮއްޓެއް އެއްކޮށްލުމުން 34 ވޯޓުގެ ކުރިއެރުމެއް ހޯދާފައި ވަނީ ވެސް ސަރުކާރު ނިސްބަތްވާ ޕާޓީންކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ސާފުކޮށްދޭ ގޮތުގައި، ޕީއެންސީގެ ކެންޑިޑޭޓް ސައީދަށް 1313 ވޯޓު ލިބިވަޑައިގެންނެވިއިރު، ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިޤް އަށް ލިބިވަޑައިގަތީ 1375 ވޯޓެވެ. މިއާ އެކު ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރީ އެންމެ 62 ވޯޓުގެ ތަފާތެކެވެ.
މި ބައި-އިލެކްޝަންގެ ނަތީޖާއާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 13އަށް ވަނީ އަރާފައެވެ. ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ އަދިވެސް އޮތީ 74 ގޮނޑިއާ އެކު ޕީއެންސީގެ އަތުގައެވެ. މި ގޮނޑި އެމްޑީޕީން ދިފާއުކުރި ކަމުގައިވިޔަސް، ފަހަކަށްއައިސް ބޭއްވުނު ގިނަ ބައި-އިލެކްޝަންތަކާއި ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަނީ ޕީއެންސީންނެވެ.