ޚަބަރު

ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް ޤާއިމުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ފެންނަ މީހުންނަށް ފަސޭހައިން ފަރުވާ ދިނުމުގެ މަޤުޞަދުގައި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހުޅުމާލޭ ހޮސްޕިޓަލުގައި ޚާއްޞަ ފްލޫ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ.

އެޗްޕީއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުޅުމާލޭ ހޮސްޕިޓަލުގެ މައި ކައުންޓަރު ސަރަޙައްދުގައި ހަދާފައިވާ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 10:00އަށް ޚިދުމަތް ލިބޭނެއެވެ. އަދި މިތަނަށް ޑޮކްޓަރަށް ދެއްކުމަށް ޒިޔާރަތްކުރާ ޙައްޖުވެރިން މާސްކު އެޅުމަށް އެ އިދާރާއިން ވަނީ އަންގަވާފައެވެ.

ޙައްޖުން އަންނަތާ ސާދަ ދުވަހުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި، ހުންއައުން ނުވަތަ ކެއްސުމާއި މޭގައި ރިއްސުން ފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ. މީގެ އިތުރުން، ބަލިމީހުންގެ ގޭބިސީގައި މާބަނޑު އަންހެނުންނާއި ދިފާޢީ ނިޒާމު ބަލިކަށި ފަރާތްތައް އުޅޭނަމަ، އެފަދަ މީހުންނާ ގައިގޯޅިވެ ނޫޅުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ މީހުން ހަތަރު ބަޔަކަށް ބަހާލައިގެން ގެނައުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ޤާފިލާ މިހާރު ވަނީ މާލެ އައިސްފައެވެ. ބާކީ ތިބި ޙައްޖުވެރިން މިއަދުގެ އިތުރުން ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހު ރާއްޖެ އައުމަށް ވަނީ ޝެޑިއުލްކުރެވިފައެވެ.

Ads by Allied Insurance