ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސްވާނެ: މެޓް
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު 12:45އިން ފެށިގެން ހަވީރު 18:00އަށް ކަމަށެވެ. އަދި އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.