މި ވަގުތު ބަލަންވީ ކަނޑުގެ ފުރިހަމަ ނަފާ ހޯދޭނެ އައު ގޮތްތައް އީޖާދުކުރުން: ފިޝަރީޒް މިނިސްޓަރު
ދުނިޔޭގެ އިގުތިސާދު ނާޒުކު ފައްތަރެއްގައި އޮތް މިވަގުތު ބަލަންވީ ކަނޑުގެ ފުރިހަމަ ނަފާ ހޯދޭނެ ގޮތްތަކާމެދު ވިސްނާ ފިކުރުކޮށް އީޖާދުކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ވަޒީރު ޝިޔާމް ފޮނުއްވެވި މެސެޖްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުމަހުގެ މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން 2024ވަނަ އަހަރުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް މުޅި އިންޑިއާ ކަނޑުގެ ޕްރޮޑަކްޓިވިޓީ ދަށްވެ، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މޫސުމަށް އަންނަ ބަދަލު،ތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރިކަމަށާ އޭގެ ނަތީޖާއަކީ، ދިވެހީން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެ، އޭގެ ނޭދެވޭ އަސަރު ސިނާޢަތަށް ކުރަމުންދިއުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެެހެންކަމުން މިއަދު އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، އަޅުގަނޑުމެންގެ ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިގުތިސާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށާ މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކޮށް އެކުއަކަލްޗަރ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުންކަން ފާހަގަކުރައްވާ އޭޏާ ވިދާޅުވީ ފާއިތުވީ އަހަރު ދިވެހިރާއްޖެއަށް ސީވީޑް އެކުއަކަލްޗާ ތައާރުފްކޮށް މިއަހަރު ފުރަތަމަ ޝިޕްމަންޓް އެކްސްޕޯޓް ވެސް ކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ތަޖުރިބާއަށް ބަލައި އިތުރު ދެކުންފުންޏަކުން މިހާރުވެސް މިސިނާއަތަށް އިންވެސްޓްކޮށް މިހާރު އެމަސައްކަތްފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ މެސެޖްގައި ވިދާޅުވީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާގެ ޓެކްނިކަލް އެހީގައި ސީވީޑުން ޕްރޮޑަކްޓް އުފެއްދުމަށް އާ ޕްރޮޖެކްޓެއް އެކުލަވާލެވި، ޕްރޮޖެކްޓަށް ފެހި ސިގްނަލް ވެސް ލިބިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެސަރަހައްދުތަކުގެ ރަށްތަކުގައި ވަޒީފާގެ ފުރުސަތު އިތުރުވެ، ކަނޑުގެ ފުރިހަމަ ނަފާ ހޯދުމުގެ އިތުރު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ނަފާ ހޯދުމަށް ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު ޕްރޮޖެކްޓެއް އެކުލަވާލުމަށް ވެސް މަޝްވަރާކުރަމުންދާ ވެސް މިނިސްޓަރު ވިދާޅުވިއެވެ.