ނެދަލޭންޑްސްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރުގެ ފަތް ކޮޅު އަރުވައިފި
ކިންގްޑަމް އޮފް ނެދަލޭންޑްސްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ވެއިބެ ޖޭކޮބް ޑި ބޮއަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާ އެކު ހިންގަވާފައެވެ.
ކިންގްޑަމް އޮފް ނެދަރލެންޑްސްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
އެއަށްފަހު، އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެގައުމަށް ވެސް މުހިންމު ދާއިރާތައް ކަމުގައިވާ، އުމްރާނީ ތަރައްޤީއާއި، މޫސުމީ ބަދަލުތައް އަދި އިންސާނީ ޙައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދެގައުމުގެ ދެމެދުގައި ވުނަކުރެވިދާނެ ދާއިރާތަކާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ނެދަރލެންޑްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 3 ސެޕްޓެންބަރ 1979 ގައެވެ.