ސިޔާސީ

މަޖިލީހުގެ ނައިބު ރައީސަށްވީތީ ދައުލަތުންދޭ ކާރާއި ސެކިއުރިޓީން ބޭނުމެއް ނެތް: ސަލީމް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުގައި ހުންނަވާ ބޭފުޅަކަށް ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ ރަސްމީ ކާރުކޮޅާއި ސެކިއުރިޓީގެ ޚިދުމަތް ބޭނުންފުޅުނުވާ ކަމަށް، ދާދިފަހުން އެ މަގާމަށް އިންތިޚާބުވި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމަކީ އެ މަނކުފާނު ބޭނުންވެލައްވާ މަގާމެއް ނޫން ކަމަށާާއި ނަމަވެސް، މިއަދު ގައުމު އޮތް ހާލަތާމެދު ވިސްނަވައި، ޕީއެންސީގެ ގުޅުން ރަނގަޅު ކުރައްވާއި ވަރުގަދަ ކުރުމަށް އެ މަގާމާ ހަވާލުވެލެއްވީ ކަމަށެވެ. އަދި އެ މަނިކުފާނުގެ އަމިއްލަ ވިޔަފާރިއަށް ވުރެ ގައުމު މުހިންމު ކަމަށާއި ގައުމަށް ޚިދުމަތްކުރުމަށް މަޖިލީހުގެ ނައިބުގެ މަގާމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ސަލީމް ދެއްވިއެވެ.

"އަޅުގަނޑަށް މަޖިލީހުން ގުޅާފަ ކާރަކާ ހަވާލުވާ އެންގީ. އަޅުގަނޑު ބުނިން އަޅުގަނޑު މިހާރު ވެސް ދާގޮތަށް މީހެއްގެ ސައިކަލު ފަހަތުގައޭދާނީ. އަޅުގަނޑަކީ މާމަތީ ފެންވަރުގަ އުޅެން ބޭނުންވާ މީހެއް ނޫން. ދެން އެންގީ ސެކިއުރިޓީ ކޮންމެހެން ވެސް ދޭންޖެހޭ އެއްޗެކޭ. އަޅުގަނޑު ދެންނަވާފިން ސެކިއުރިޓީ އަޅުގަނޑުމެން ހެއްދެވި ފަރާތާ ހަވާލުކޮށްފީމޭ." މަޖިލީހުގެ ނައިބު ރައީސް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން، މި ސަރުކާރުން 60 ބިލިއަން ރިފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ދައްކާ ވާހަކަތަކަކީ އިތުރުފުޅެއް ކަމަށާއި މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ދަރަނީގެ އަދަދަކީ 24 ބިލިއަން ރުފިޔާ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި މި ސަރުކާރު ނިމިގެންދާނީ 20 ބިލިއަން ރުފިޔާގެ ދަރަނި ވެސް ނޯންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Ads by Allied Insurance