ސިޔާސީ

ނަޝީދުގެ ސިޔާސީ ތަޖުރިބާއިން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ކަމަށް ޔަޤީންކުރަން: ޞާލިޙު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ ތަޖުރިބާގެ އެހީގައި، މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މާލޭގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާ ވާދަކުރައްވައި ނަޝީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ ވަރަށް ފޯރިގަދަ ކެމްޕޭނަކަށް ފަހުގައެވެ. 'އެކްސް' މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައި ޞާލިޙު ވަނީ ނަޝީދަށް ހޫނު މަރުޙަބާއެއް ކިޔުއްވާފައެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޒިންމާދާރުކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ މި ދަނޑިވަޅުގައި، ނަޝީދުގެ ތަޖުރިބާއަކީ މުހިންމު ހަތިޔާރަކަށް ވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިންތިޚާބުގައި ޞާލިޙު ތާއީދުކުރެއްވީ މީކާއީލަށެވެ. އެމަނިކުފާނު ވަނީ މީކާއީލްގެ ހިތްވަރުގަދަ ކެމްޕޭނަށް ތަޢުރީފުކުރައްވައި، އޭނާގެ ސިޔާސީ މުސްތަޤުބަލު އޮތީ ވަރަށް އުޖާލާކޮށްކަން ބަޔާންކުރައްވާފައެވެ. މީގެ އިތުރުން، މިއީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެގެންދާކަމުގެ އަލިގަދަ ހެއްކެއްކަމަށާއި، ދެން އޮތީ އެންމެން އެކަތިގަނޑަކަށްވެ ޕާޓީއައިގެން ކުރިއަށްދިއުން ކަމަށް ވެސް ޞާލިޙު ވިދާޅުވިއެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި ކުރިން ހުންނެވި ފައްޔާޒު އިސްމާޢީލް އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އިންތިޚާބުގައި ފައްޔާޒު ތާއީދުކުރެއްވީ ރައީސް ނަޝީދަށެވެ.

  1. ޢަޒްލާ

    ނަޝީދުގެ ސިޔާސީ ތަޖުރިބާއިން ފެބް 78ގައި ގައުމަށްވީ ގެއްލުން