ސިޔާސީ

ސަރުކާރު އިސްލާހު ނުވެއްޖެ ނަމަ، މަގު މައްޗަށް ނުކުމެ ސީދާ ހަރަކާތަށް ފަށާނަން: ނަޝީދު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ގދ. ގައްދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅުދައްކަވަނީ

ރައީސް މުޢިއްޒުގެ ސަރުކާރު އިސްލާހު ނުވެއްޖެ ނަމަ، މަގު މައްޗަށް ނުކުމެ ސީދާ ހަރަކާތްތައް ފަށާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ކާމިޔާބުކުރެއްވުމަށް ފަހު މާލޭގެ އާޓިފިޝަލް ބީޗުގައި ބޭއްވި އުފާފާޅުކުރުމުގެ ޖަލްސާގައި ގައުމާއި ރައްޔިތުންގެ ހައްގުގައި އަދި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އެމްޑީޕީން އަބަދުވެސް ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތްކުރާނެކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، މިއީ ގައުމު ސަލާމަތްކުރުމުގެ އަމަލީ މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ. އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ސަޕޯޓަރުންނާ މެދު ސަރުކާރުން ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ކުރަމުންދާ ދުއްތުރާތައް ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު އިންޒާރު ދެއްވިއެވެ.

މިރެއަކީ އާ ފެށުމެއްކަން ފާހަގަކުރައްވައި، ސަރުކާރު ޖަވާބުދާރީކުރުމުގެ ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ ޕާޓީގެ އާންމު މެމްބަރުންނާއި ރައްޔިތުންގެ އިތުރުން ސިޔާސީ ހުރިހާ ފަރާތްތަކެއް ގުޅިގެންކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން، ޚިޔާލު ތަފާތުވުންތައް އެއްފަރާތް ކުރުމަށް ފަހު، އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ހުރިހާ ވާދަވެރިންނަށް އެމަނިކުފާނު ވަނީ ދައުވަތު އަރުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރައްވައި ނަޝީދު މި އިންތިހާބު ކާމިޔާބު ކުރެއްވިއިރު، މިއީ ކުރިން މި މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އިންތިހާބުގައި ފައްޔާޒުގެ ތާއީދު އޮތީ ނަޝީދަށެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރެއްވީ މީކާއީލަށެވެ.

  1. ސަރުކާރު ޖަވާބު ދާރީ ކުރުމުގެ ނަމުގަ ވެރިކަން ވައްޓާލުމްށް ނުކުންނަން ތިޔަ ތެޅެނީ ކަލެއަށް ވޯޓްދިން މީހުންނަކީ މިގައުމަށް ހެޔޮއެދޭ ބައެއްނޫން އަނެއްއަތަށް އަޅާފަ ތިބި ބައެއް މީކާއިލް ހޮވުނު ނަމަ މާރަނގަޅު