ސިޔާސީ

ސިޔާސީ ފިކުރަށް ބަލައި މީހުން ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ ވެރިކަމުގައި: ޝުޖާއު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު / ފޮޓޯ: ޕީއެންސީ

ސިޔާސީ ފިކުރަށް ބަލައި މީހުން ވަޒީފާއިން ވަކިކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސިޔާސީ ގޮތުން މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ، ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް އެމްޑީޕީން ނިންމުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝުޖާއު އެ ޕާޓީއަށާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީސްމީޑިއާ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އެމްޑީޕީގައި "ކޮންމެވެސް ވަރަކަށް ލަދުހަޔާތް ހުންނަންވާނެ" ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި، ސަރުކާރަށް ސަނާނުކިޔުމާއި ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރިކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓުތައް މިހާރު ވެސް އެ ގޭގެ ސިޓިންރޫމު ފާރުތަކުގައި ބަހައްޓާފައި އެބަހުރި ކަމަށާއި، އެކަން ގޮސް ބައްލަވާލެއްވުމަށް ޝުޖާއު ގޮވާލެއްވިއެވެ.

މީގެ އިތުރުން، އެގޮތަށް ވަޒީފާއިން ވަކިކުރި މީހުންގެ ދަފްތަރެއް އެބައޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ގެނެވުނު އެންމެ ބޮޑު ބަދަލަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މުވައްޒަފުންނަށް އަނބުރާ އެ މީހުންގެ ޙައްޤުތައް ހޯދައިދެއްވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ސިޔާސީ ފިކުރު ތަފާތުވުމުން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުން، އޮޅިވަޑައިގެން ނޫޅުއްވުމަށް ޝުޖާއު ވަނީ އިލްތިމާސްކުރައްވާފައެވެ.