ޚަބަރު

ކަނޑުމަގުން ގެނައި މުދާތަކެއްގެ ތެރޭގައި އެތެރެކުރި 1000އަށް ވުރެ ގިނަ ވޭޕް އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ވިޔަފާރި ބަނދަރު / ފޮޓޯ:އެމްޕީއެލް

ކަނޑުމަގުން ގެނައި މުދާތަކެއްގެ ތެރޭގައި އެތެރެކުރި 1000އަށް ވުރެ ގިނަ ވޭޕް އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ރޭ ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، ފާއިތުވި ދެ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގި ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި ބަލާފާސްކުރި ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނުނު ކަމަށް ބުންޏެވެ.

އެގޮތުން ޖުމްލަ 1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައި ކަމަަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާޙު ގެނެސް، 2024ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. އެއާ އެކު އެފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ވޭޕްގެ ބާވަތްތަކާއި އެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ 50000ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފައެވެ.