ފާއިތުވި މޭ މަހު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ ނިސްބަތް ބޮޑުތަނުން އުފުލިއްޖެ
ފާއިތުވި މޭ މަހު ރާއްޖެއިން ބޭރުކުރި ދަޅުމަހުގެ ނިސްބަތް ބޮޑުތަނުން އުފުލިއްޖެއެވެ.
ރާއްޖެއިން 98 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މީގެ ކުރީ މަހާ އަޅާބަލާއިރު އެކްސްޕޯޓްކުރި ދަޅުމަހުގެ އަދަދު ވަނީ 22.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް އަބަދުވެސް ހިއްސާކުރަނީ ކަނޑުމަހުގެ ބާވަތްތައް ކަމަށްވާއިރު، ފާއިތުވި މަހުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ދަޅުގައި ބަންދުކުރި މަހުންނެވެ. އޭޕްރީލް މަހު 31 މިލިއަން ރުފިޔާގެ ދަޅުމަސް އެކްސްޕޯޓުކުރި ނަމަވެސް، މޭ މަހު މި އަދަދު ވަނީ 38 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، ގަނޑުކުރި ކަޅުބިލަމަހުގެ ގޮތުގައި 27 މިލިއަން ރުފިޔާގެ މުދާ އަދި ގަނޑުކުރި ކަންނެލީގެ ގޮތުގައި 18 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ ބޭރުކޮށްފައެވެ.
ދިވެހި އުފެއްދުންތައް އެންމެ ގިނައިން ގަނެފައިވާ ގައުމުތަކަށް ބަލާއިރު، ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 36 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އިނގިރޭސިވިލާތެވެ. ދެވަނައަށް އެންމެ ގިނައިން މުދާ ފޮނުވާފައި ވަނީ ތައިލޭންޑަށެވެ. އެ ގައުމަށް 35 މިލިއަން ރުފިޔާގެ އުފެއްދުންތައް ވަނީ އެކްސްޕޯޓުކޮށްފައެވެ. ދެން އެންމެ ގިނައިން ރާއްޖެއިން މުދާ ގަނެފައި ވަނީ ފަރަންސޭސިވިލާތުންނާއި، އިންޑިއާގެ އިތުރުން ޖަރުމަނުވިލާތުންނެވެ. އެއީ ފަރަންސޭސިވިލާތަށް 6 މިލިއަން، އިންޑިއާއަށް 5 މިލިއަން، އަދި ޖަރުމަނުވިލާތަށް 4 މިލިއަން ރުފިޔާގެ މުދަލެވެ.