19th June 2026, Friday

ޚަބަރު

ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅު ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް--

ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅު ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މި ފަދައިން ގޮވާލައްވާފައިވަނީ، ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026ގައި ބޭއްވި ހައި-ލެވެލް ޕެނަލް 1ގައި، "ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި ހައްގުތައް ހިމާޔަތްކުރުން"މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން، ރާއްޖޭގެ ގުދުރަތީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ކަށަވަރުކުރަން އޮންނަ ގާބިލިއްޔަތާއި، ސަގާފަތާއި، ޝަހުސާއި ގުޅުންތައް ނުރައްކަލަށް ހުށަހެޅިފައިވާކަމަށް ވިދާޅުވިއެވެ. އަދި ގައުމީ ދުރުރާސްތާ އަހުމިއްޔަތުތައް ކަނޑައަޅައި، ބިނާރާއި ތަރައްގީ ރާވަން ޖެހެނީވެސް، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިއުމަށް ރިއާޔަތްކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ސިޔާދަތާއި އިސްތިގުލާލުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ތަރައްގީވަމުން އަންނަ އެހެނިހެން ކުދި ޖަޒީރާ ގައުމުތަކެކޭ އެއްގޮތަށް، ގައުމީ ސިޔާދަތާއި އިސްތިގުލާލު ދެމެހެއްޓުމުގެ މުހިންމު ކަމާމެދު ރާއްޖެއިންވެސް ވަކާލާތުކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ބައިނަލްއަގުވާމީ ގާނޫނު ބިނާކޮށްފައިވަނީ، ހަމަޖެހުމާއި، އަދާލަތާއި، ހަމަހަމަކަމާއި، ދައުލަތްތަކުގެ މެދުގައިވާ އިސްތިގުލާލީ އެއްހަމަކަމުގެ މަތީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ހައްގު ހިމެނޭހެން، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވެން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ އިސް އަހުމިއްޔަތަކަށް ވާންވާނީ، މުޖުތަމައުތައް ރައްކާތެރިކޮށް، އެ ބަޔަކު އުޅެން އިހުތިޔާރުކުރާ ތަނެއްގައި ކަރާމާތްތެރިކަމާއެކު ދެމިތިބުމުގެ ހައްގު ކަށަވަރުކޮށްދިނުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ފުރިހަމަކޮށްދެވޭނީ، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ބިނާރާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ރޭވުންތެރިކަން ހިމެނޭނޭ ފަދައިން، މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އަހުލުވެރިވުމަކީ ހަމައެކަނި ތިމާވެއްޓާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، ޝަޚުޞިއްޔަތާއި، ސަގާފަތާއި، އާމްދަނީ ހޯދޭނޭ ގޮތްތަކާއި، ހައްގުތައް ހިމާޔަތްކުރުމާވެސް ގުޅުންހުރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މި ދަނޑިވަޅުގައި، ހައްގުތައް ހިމާޔަތްކޮށް، ދައުލަތްތަކުގެ ހިންގުމުގެ ނިޒާމުގެ ހުރިހާ ފެންވަރެއްގައިވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.