މި މީހާ ބޭންކު ފަޅާލަން ދަސްކުރީ ޔޫޓިއުބުގެ ބޭނުން ކޮށްގެން
ޔޫޓިއުބަކީ ގިނަ އަދަދެއްގެ ވީޑިއޯ ބެލެން ހުންނަ އޮންލައިން ވެބްސައިޓެކެވެ. އާންމުކޮށް ގިނަ މީހުން ޔޫޓިއުބު ބޭނުންކުރަނީ މޮޅު ވައްތަރެއްގެ ކާނާއެއް ތައްޔާރު ކުރާނެ ގޮތް ބެލުމަށެވެ. ނުވަތަ މުނިފޫހި ފިލުވުމަށް އެކި ކަހަލަ ވީޑިއޯތައް ބެލުމަށެވެ. އެހެން ނަމަވެސް މިއީ ޔޫޓިއުބުގެ ބޭނުން ކޮށްގެން ކުށްކުރި މީހެއްގެ ވާހަކައެކެވެ.
އިންޑިއާގެ އުމުރުން 25 އަހަރުގެ މި މީހާ ވަނީ ޔޫޓިއުބު ބޭނުން ކޮށްގެން އިންޑިއާގެ 2 ބޭންކެއް ލޫޓު ވާލާފައެވެ. ގާތްގަނޑަކަށް އިންޑިއާ ރުޕީސްގެ 12 ލައްކައާއި ގާތްކުރާ އަދަދެއް މީނާ ވަނީ މަޖުބޫރުން އަތުލާފައެވެ. އަދި މިކަން ކުރުމަށް މީނާ ވަނީ ހަތިޔާރެއްގެ ބޭނުންވެސް ހިފާފައެވެ. އެހެން ނަމަވެސް އަސްލު ހަތިޔާރެއް ނޫނެވެ. މީނާ ބޭނުން ކޮށްފައި ވަނީ ކުޅޭކުޅޭ ބަޑިއެކެވެ.
އިންޑިއާގެ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ވަނީ އެގައުމުގެ ބޭންކަކުން 19 ލައްކަ އިންޑިއާ ރުޕީސް ގެ ލޯނެއް ނަގާފައެވެ. އަދި ބޭންކު ފަޅާލުމަށް ފަހު މިމީހާ ވަނީ އެ ނަގާފައިވާ ލޯނުގެ އެއްބައި އަނބުރާ ބޭންކަށް ދައްކާފައެވެ. ހަމައެހެންމެ މި މީހާގެ ހެދުން ވިއްކާ ފިހާރައެއް ވެސް އިންޑިއާގައި ހުރެއެވެ.
ކޮވިޑު-19 އައުމުގެ ކުރިން މިމީހާއަށް އޭނަގެ ވިޔަފާރިން މަހަކު 9 ލައްކަ އިންޑިއާ ރުޕީސް ލިބެއެވެ. އެހެންނަމަވެސް ޕެންޑެމިކްގެ ސަބަބުން މިމީހާއަށް ވިޔަފާރިން ލިބޭ އާމްދަނީ މަދުވެ އޭނާ ނަގާފައިވާ ލޯނު ދެއްކުމަށް ދަތިތަކާއި ދިމާވުމުން އޭނާ ޔޫޓިއުބުން ވީޑިއޯ ބެލުމަށް ފަހު ދަސްކުރީ ބޭންކުތައް ފެޅުމަށެވެ.
އެހެން ނަމަވެސް މިހާރު މިމީހާ ވަނީ އިންޑިއާގެ ފުލުހުން އަތުލައިގަނެފައެވެ. އަދި އޭނާ އަތުލައިގަނެވުނު އިރުގައި އޭނަ އަތުގައި ކާރެއް ވެސް އޮތް ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.