ސަޢުދީގެ "ފްލައިނާސް" އިން ރާއްޖެއަށް ސީދާ ދަތުރުތައް އަލުން ފަށައިފި
ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު ބަޖެޓް އެއަރލައިން، ފްލައިނާސްގެ ޝެޑިއުލް ދަތުރުތައް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އަލުން ފަށައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކުރައްވާފައިވާ ގޮތުގައި، މި ދަތުރުތައް ކުރިއަށްދާނީ ސަޢުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓުން ފެށިގެން ސީދާ ރާއްޖެއަށެވެ. އަދި ހަފްތާއެއްގެ މައްޗަށް ތިން އުދުހުން ބޭއްވުމަށް ތާވަލުކުރެވިފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ފްލައިނާސްގެ ފުރަތަމަ މަތިންދާބޯޓު ރާއްޖޭގެ މައި އެއަރޕޯޓަށް ޖެއްސުމާ އެކު، އެ ބޯޓަށް ވަނީ ވޯޓަރ ސެލިއުޓެއްގެ ޝަރަފު އަރުވާފައެވެ. މީގެ އިތުރުން، އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ދިވެހިންގެ ސަގާފީ ބޮޑުބެރުގެ ހުށަހެޅުންތަކާ އެކު ކުލަގަދަ މަރުޙަބާއެއް ކިޔާފައިވާއިރު، ރާއްޖެއަށް އެތެރެވި އަދި ރާއްޖެއިން ފުރި ފަސިންޖަރުންނަށް ޚާއްސަ ހަނދާނީ ހަދިޔާއެއް ވެސް ވަނީ އަރުވާފައެވެ.
ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ މުހިންމު މާކެޓަކަށް ވުމާ އެކު، ފްލައިނާސްގެ އުދުހުންތައް ފެށުމުން މެދުއިރުމަތީގެ ސަރަޙައްދުން ރާއްޖެއަށް އޮންނަ ޑިމާންޑް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން އަންދާޒާކުރެއެވެ.
ރާއްޖެއަށް ދަތުރުކުރާ ބައިނަލްއަޤުވާމީ އެއަރލައިންތަކުގެ ޢަދަދު ގިނަކުރުމަށް އެމްއޭސީއެލްއިން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނައިރު، އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އޭވިއޭޝަން ސިނާޢަތް ފުޅާކޮށް، ބައިނަލްއަޤުވާމީ އެއަރލައިންތަކާ ގުޅިގެން ދަތުރުވެރިންނަށް ދުނިޔޭގެ ފެންވަރުގެ ފުރިހަމަ ޚިދުމަތްތަކެއް ކަށަވަރުކޮށްދިނުމެވެ.