ޚަބަރު

މޭރީ މަރުގެ މައްސަލަ: މާވިންއާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މަރާލި މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން (ޔޫސުފް) އަދި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީ މުޒައްމިލް ނާސިރު އިއްވެވި ޙުކުމުގައި ބަޔާންކުރައްވާފައި ވަނީ، މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީކަމަށް ދައްކަން މާވިން މަސައްކަތްކުރި ނަމަވެސް، އެކަން މެޑިކަލް ރިޕޯޓުތަކުންނާއި ހެކިންގެ ބަހުން ނަފީކުރާ ކަމަށެވެ. އެގޮތުން، މޭރީގެ ހަށިގަނޑުން ދަންޖެހިފައިވާކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތްކަމާއި، އޭނާގެ ފުރާނަ ގޮސްފައި ވަނީ ބޮލަށް ދީފައިވާ ބޮޑެތި އަނިޔާތަކެއްގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން ޔަގީންވާކަން ޤާޟީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންސާނަކު ނޭވާ ހާސްކޮށްލާނެ ގޮތްތައް ދައްކުވައިދޭ ފޮޓޯތަކެއް މާވިންގެ މޯބައިލް ފޯނުން ފެނިފައިވާއިރު، އެފަދަ މަޢުލޫމާތުތަކެއް އޭނާ ހޯދަންޖެހުނު ސަބަބެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ. އަދި މޭރީ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވަންނަނިކޮށް ކަމަށާއި، އެ ވަގުތު މާވިން ވެސް އެތަނުގައި ހުރިކަން ތަޙުޤީޤަށް ހޯދިފައިވާ ހެކިތަކުން ކަށަވަރުވާކަމަށް ޝަރީޢަތުން ވަނީ ނިންމަވާފައެވެ.

މި ޢަމަލު ހިންގުމުގެ މައިގަނޑު މަޤުޞަދަކީ މާވިންއާއި ދިވެހި ނަރުހެއް ކަމަށްވާ ލަމްހާއާ ދެމެދު އުފެދިފައިވާ ނާޖާއިޒު ގުޅުންކަން ކޯޓަށް ވަނީ ސާބިތުވެފައެވެ. މޭރީގެ މަރުގައި ބައިވެރިވުމުގެ ދަޢުވާ ލަމްހާގެ މައްޗަށް އުފުލާފައިވާއިރު، މިއަދުގެ އަޑުއެހުމުގައި ޤާޟީ ވަނީ އޭނާގެ މައްޗަށް ވެސް އެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ.

ދަޢުވާލިބޭ ދެމީހުންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން، ދެން އޮންނާނީ އަދަބު ކަނޑައެޅުމުގެ މަރުޙަލާއެވެ. ކްރިމިނަލް ކޯޓުން މިހާރު ވަނީ މި މައްސަލައިގައި އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށާއި، ނިހާއީ ޙުކުމް އިއްވުމަށް އަންނަ މަހުގެ އެއްވަނަ ދުވަހަށް ޝަރީޢަތުގެ މަޖިލީހެއް ތާވަލުކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!