މަހުގެ އަގު ބޮޑު ކުރުމުން މަހަށް ފުރާ އޮޑިފަހަރު އިތުރު ވެއްޖެ
މިމަހު ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާއެކު މަހަށް ފުރާ އޮޑިފަހަރުގެ އަދަދު ބޮޑުތަނުން އިތުރު ވެއްޖެއެވެ.
މިފްކޯއިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިހާރު ކަންނެއްޔާއި ކަޅުބިލަ މަސް ހިމެނޭހެން މަސް ކިރުވާ 25 ދޯންޏެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
މިފްކޯގެ މަރުކަޒުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މަސް ކިރާފައި ވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށެވެ. މީގެ އިތުރުން، މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށާއި މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި، ކޫއްޑޫގެ ބޭރުން މަސް ގަންނަ ބޯޓުފަހަރު ވެސް މިހާރު ވަނީ އޮޕަރޭޝަނަށް ނެރެފައެވެ.
މިފްކޯގެ މި ހިސާބުތައް ދައްކާ ގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 22 އުޅަނދަކުން ކަޅުބިލަ މަސް ކިރުވާފައިވެއެވެ. މިއާއެކު ޖުމްލަ އުޅަނދުގެ އަދަދު ވަނީ 25 އަށް އިތުރުވެފައެވެ. އަދި މި އުޅަނދު ފަހަރަށް 447,900.00ރ. ވަނީ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ މަސް 10 ދޯންޏަކުން ކިރުވާފައިވެއެވެ. މި އޮޑިފަހަރަށް 64,475.00ރ. ވަނީ ދޫކޮށްފައެވެ.
ސަރުކާރުން ވަނީ މި މަހުން ކުރީކޮޅުން ފެށިގެން މަސް ގަންނަ އަގު ކިލޯއެއް 20ރ. އަށް މަތިކޮށްފައެވެ. އަދި ކަންނެލި ކިލޯއެއް ގަންނަނީ 25ރ. އަށެވެ.