2028ވަނަ އަހަރު މަސްވެރިންނަށް ބޭނުންވާ އެން އާލާކޮށް ފޯރުކޮށްދޭން ފަށަނީ
މެރިކަލްޗަރ ސިނާއަތުގެ ތެރެއިން އެން އާލާކޮށް 2028ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ މަސްދޯނިފަހަރަށް އެން ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ހާމަކުރެއްވި ގޮތުގައި، މި މަޝްރޫއަކީ އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާ އިންވެސްޓްމަންޓެކެވެ. މިގޮތުން ގދ. އަތޮޅުގައި ފާނަ އާލާކުރުމުގެ މަސައްކަތްކުރާ ދިވެހި އަދި ބޭރުގެ އިންވެސްޓަރުން ގުޅިގެން އުފައްދާފައިވާ ކުންފުންޏަކާ އެކު މިހާރު ވަނީ އެން އާލާކުރުމުގެ އެއްބަސްވުމަކަށް އާދެވިފައެވެ. އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެ ކުންފުނި މެދުވެރިކޮށް ރާއްޖޭގެ މަސްވެރިންނަށް އެކަށީގެންވާ މިންވަރަކަށް އެން ފޯރުކޮށްދިނުމެވެ.
މުއްޠަލިބް ފާހަގަކުރެއްވި ގޮތުގައި އެމަކީ ދިވެހި މަސްވެރިކަމުގެ އެންމެ މުހިންމު އެއް އަސާސެވެ. އެހެންކަމުން މިއީ ވަކި ސިނާއަތެއްގެ ގޮތުގައި 'ބެއިޓް ފިޝަރީ'އެއް ގާއިމުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިން ގޭތެރޭގެ ކުދި މަސައްކަތްތަކެއްގެ ގޮތުގައި ކުރަމުން އައި މެރިކަލްޗަރގެ ދާއިރާ ފުޅާކޮށް، މިއީ ރާއްޖޭގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކ. މަނިޔަފުއްޓާއި އެރަށާ ގުޅިފައިވާ ފަޅު ވެސް ވަނީ މެރިކަލްޗަރ ތަރައްގީކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
މިހާރު ވެސް ރާއްޖޭގައި ޑިނގާ، ހުއިފިލަނޑާ އަދި ސީވީޑް ފަދަ ބާވަތްތައް އަންނަނީ އާލާކުރަމުންނެވެ. ހާއްސަކޮށް ސީވީޑް އާލާކުރާ ފަރާތްތަކުން މިހާރު ރާއްޖެއިން ބޭރަށް އެ ބާވަތްތައް އެކްސްޕޯޓުކުރަން ފަށާފައިވާއިރު، މުޅި ރާއްޖެއަށް މި މަސައްކަތް ފުޅާކުރުމަކީ ވުޒާރާގެ އަމާޒެކެވެ.