ދުނިޔެ

ސެޓެލައިޓް މެދުވެރިކޮށް އިންޑިއާގެ ފުރަތަމަ ކޮމާޝަލް ޖެޓް ޖައްސައި، އޭވިއޭޝަން ދާއިރާއަށް ތާރީޚީ ކުރިއެރުމެއް ހޯދައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ނިއު ދިއްލީ: އިންޑިއާގެ އޭވިއޭޝަން ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގައި، އެ ޤައުމުގައި އަމިއްލައަށް އުފައްދާފައިވާ "ގަގަން" (GAGAN) ނެވިގޭޝަން ނިޒާމު ބޭނުންކޮށްގެން، އިންޑިގޯގެ އެއަރބަސް އޭ320 މަރުކާގެ ބޯޓެއް ފުރަތަމަ ފަހަރަށް ސެޓެލައިޓްގެ އެހީގައި ޖައްސައިފިއެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި ޑެމޮންސްޓްރޭޝަނަކީ، ބިމުގައި ޤާއިމުކުރާ އަގުބޮޑު ނެވިގޭޝަން ވަސީލަތްތަކާ ނުލައި އެއަރޕޯޓުތަކަށް ޕްރިސިޝަން ލޭންޑިންގ ހެދުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ 27 ވަނަ ދުވަހު ބޭއްވި މި ފްލައިޓުގައި ޢާންމުކޮށް ބޭނުންކުރާ އިންސްޓްރޫމަންޓް ލޭންޑިންގ ސިސްޓަމް (އައިއެލްއެސް) ގެ ބަދަލުގައި ބޭނުންކުރީ ސެޓެލައިޓް-ބޭސްޑް ލޭންޑިންގ ސިސްޓަމް (އެސްއެލްއެސް) އެޕްރޯޗެކެވެ. މީގެ ކުރިން އިންޑިގޯގެ އޭޓީއާރް ޓަރބޯޕްރޮޕް ބޯޓުތަކުގައި މި ޓެކްނޮލޮޖީ ޓެސްޓުކޮށްފައިވީ ނަމަވެސް، މިއީ ކޮމާޝަލް ޖެޓެއްގައި މި ނިޒާމު ކާމިޔާބުކަމާއެކު ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މި އައު ބަދަލުގެ ސަބަބުން ފަސިންޖަރުންނަށް އެއްވެސް ތަފާތެއް އިޙުސާސެއް ނުކުރެވޭނެއެވެ. ނަމަވެސް، އެއަރޕޯޓުގައި ހުންނަ އާލާތްތަކުން ފޮނުވާ ރޭޑިއޯ ސިގްނަލްތަކަށް ބަރޯސާވުމުގެ ބަދަލުގައި، މި އެއަރބަސް އޭ320 ބޯޓު ޖައްސަން މަގުދައްކައިދިނީ ސެޓެލައިޓުން ކަރެކްޓްކޮށްފައިވާ ނެވިގޭޝަން ސިގްނަލްތަކުންނެވެ.

މި ކާމިޔާބީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަމާއި އޮޕަރޭޝަނަލް ހަލުވިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް، އައިއެލްއެސް ޤާއިމުކުރުމާއި މަރާމާތުކުރުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އެފަދަ ނިޒާމުތައް ނެތް ކުދި އެއަރޕޯޓުތަކަށް މީގެ ފައިދާ ވަރަށް ބޮޑަށް ކުރާނެއެވެ. އަދި ޓެކްނިކަލް މައްސަލައަކާ ހުރެ އައިއެލްއެސް ބޭނުންނުކުރެވޭ ޙާލަތްތަކުގައި ބެކަޕް ނިޒާމެއްގެ ގޮތުގައިވެސް ސެޓެލައިޓް އެޕްރޯޗް ބޭނުންކުރެވޭނެއެވެ.

މި ދަތުރުގައި ބޯޓު ޖައްސާފައިވަނީ ލޯކަލައިޒަރ ޕަރފޯމަންސް ވިތް ވަރޓިކަލް ގައިޑެންސް (އެލްޕީވީ) އެޕްރޯޗެއްގައެވެ. މީގެން ޕައިލެޓުންނަށް ރަންވޭއާ ހަމައަށް އައުމަށްޓަކައި ހުރަސްކޮށް އަދި ދިގަށްވެސް ވަރަށް ޞައްޙަ އިރުޝާދުތަކެއް ފޯރުކޮށްދެއެވެ. މިއީ ބިމުގައި ޚާއްޞަ އާލާތްތަކެއް ނެތި، އައިއެލްއެސް އެޕްރޯޗަކާ އެއްވަރުގެ ޞައްޙަކަމެއް ލިބިގެންދާ ނިޒާމެކެވެ.

މި ޓެކްނޮލޮޖީއަށް ބާރުދެނީ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އާއި އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) ގުޅިގެން ތަރައްޤީކޮށްފައިވާ އިންޑިއާގެ ސެޓެލައިޓް-ބޭސްޑް އޮގްމެންޓޭޝަން ސިސްޓަމް ކަމަށްވާ "ގަގަން" (ޖީޕީއެސް އޭޑެޑް ޖިއޯ އޮގްމެންޓެޑް ނެވިގޭޝަން) އިންނެވެ.

އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖީޕީއެސް ނުވަތަ އިންޑިއާގެ ނަވްއައިސީ ނިޒާމާ ޚިލާފަށް، ގަގަން އަމިއްލައަށް ބޯޓު އޮތް ތަން ދެނެއެއް ނުގަނެއެވެ. އޭގެ ބަދަލުގައި އެ ނިޒާމުން ކުރާ ކަމަކީ ޖީޕީއެސްގެ ކުށްތައް އިޞްލާޙުކޮށް، ނެވިގޭޝަން ސިގްނަލްތަކުގެ އިތުބާރު ކަށަވަރުކުރުމަށްފަހު، ރަނގަޅުކުރެވިފައިވާ މަޢުލޫމާތު އިސްރޯގެ ޖީސެޓް-8 އަދި ޖީސެޓް-10 ސެޓެލައިޓްތައް މެދުވެރިކޮށް ބޯޓުތަކަށް ފޯރުކޮށްދިނުމެވެ.

މިއީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ، ޚާއްޞަކޮށް އިންޑިއާ މަތިން އިޔޮނޮސްފިއަރގެ ތެރެއިން ދަތުރުކުރާއިރު ޖީޕީއެސް ސިގްނަލްތަކަށް ބަދަލުއައިސް އޮޅުންއަރާ ގޮތްވުމުން، ޢާންމު ޖީޕީއެސްއަކީ ކޮމާޝަލް ބޯޓުތައް ޕްރިސިޝަން ލޭންޑިންގ ހަދާއިރު ބޭނުންކުރަން ރައްކާތެރި އެއްޗަކަށް ނުވާތީއެވެ.

މި މައްސަލަ ޙައްލުކުރުމަށްޓަކައި، ގަގަން ބަރޯސާވަނީ މުޅި ޤައުމުގައި ޤާއިމުކޮށްފައިވާ ގްރައުންޑް ރިފަރެންސް ސްޓޭޝަންތަކުގެ ނެޓްވޯކެއްގެ މައްޗަށެވެ. މި ސްޓޭޝަންތަކުން ޖީޕީއެސްގެ ޞައްޙަކަން މޮނިޓަރކޮށް، ކަރެކްޝަންތައް ހިސާބުކުރުމަށްފަހު ވަގުތުން ސެޓެލައިޓް މެދުވެރިކޮށް ބޯޓަށް ފޮނުވައިދެއެވެ. އަދި އޭގެ އިތުރުން، އިތުބާރު ނުކުރެވޭ ނެވިގޭޝަން މަޢުލޫމާތެއް ހުރިނަމަ ސިކުންތުކޮޅެއްގެ ތެރޭގައި އެކަން ދެނެގަނެ ފްލައިޓް ކްރޫއަށް އިންޒާރުދިނުމުގެ ޤާބިލުކަން ނުވަތަ "އިންޓެގްރިޓީ" ވެސް މި ނިޒާމުން ފޯރުކޮށްދެއެވެ.

އިންޑިގޯއިން އެންމެ ފުރަތަމަ އެލްޕީވީ އޮޕަރޭޝަންތައް ތަޢާރަފުކުރީ 2022 ވަނަ އަހަރު އެކުންފުނީގެ އޭޓީއާރް ފްލީޓްގައެވެ. އޭގެ ފަހުން އެހެން ބޯޓުތަކަށްވެސް މި ސިސްޓަމްވަނީ ފުޅާކޮށްފައެވެ. އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާއިން މިހާރުވެސް 23 އެލްޕީވީ އެޕްރޯޗް ޕްރޮސީޖަރ އާންމުކޮށްފައިވާއިރު، މިއަހަރުގެ ނިޔަލަށް އެ ޢަދަދު 40 އަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

ގިނަ އެއަރޕޯޓުތަކުން އެލްޕީވީ ޕްރޮސީޖަރތައް ބޭނުންކުރަން ފެށުމާއި، ސެޓެލައިޓް އެޕްރޯޗަށް ބޯޓުތައް ތައްޔާރުކުރެވޭ މިންވަރު އިތުރުވުމުން، އިންޑިއާގެ ވައިގެ ދަތުރުފަތުރު އިތުރަށް ސަލާމަތްތެރިވެ، ބިމުގައި ހުންނަ އަގުބޮޑު ނެވިގޭޝަން ސިސްޓަމްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގައި ގަގަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

އިސްރޯއިން ބުނާގޮތުގައި، އިންޑިއާގެ އަމިއްލަ މި ނިޒާމު ފަރުމާކޮށްފައިވަނީ ހަމައެކަނި ޕްރިސިޝަން ލޭންޑިންގތައް ރަނގަޅުކުރުމަކަށް ނޫނެވެ. އޭގެ އިތުރުން ވައިގެ ޓްރެފިކް މެނޭޖްމަންޓް އިތުރަށް ހަރުދަނާކުރުމާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ބޭނުންކުރާ މިފަދަ ސެޓެލައިޓް ނެވިގޭޝަން ނިޒާމުތަކާއެކުވެސް ފަސޭހައިން މަސައްކަތްކުރެވޭނެ ގޮތަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!