ޕާކިސްތާނުން އަފްޣާނިސްތާނުގެ ބޯޑަރު ސަރަޙައްދަށް ދިން ވައިގެ ޙަމަލާތަކެއްގައި 36 މީހުން މަރުވެއްޖެ
އަފްޣާނިސްތާނާއި ޕާކިސްތާނު ގުޅޭ ބޯޑަރު ސަރަޙައްދުގައި އޮންނަ އަފްޣާނިސްތާނުގެ އިރުމަތީ ޕްރޮވިންސްތަކަށް އަމާޒުކޮށް ޕާކިސްތާނުން ދިން ވައިގެ ޙަމަލާތަކެއްގައި މަދުވެގެން 36 މީހުން މަރުވެ، އިތުރު 163 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެކަމަށް އަފްޣާން ސަރުކާރުން ހާމަކޮށްފިއެވެ.
އަފްޣާނިސްތާނު ސަރުކާރުގެ ތަރުޖަމާނުގެ ނައިބު ޙަމްދުﷲ ފިޠުރަތު، 29 ޖޫން 2026 ވީ ހޯމަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ނުރައްކާތެރި ޙަމަލާތައް ދީފައިވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ ޕާކިސްތާނާ އިންވެގެން އޮންނަ ޕަކްތިއާ، ޕަކްތިކާ އަދި ކުނާރް ޕްރޮވިންސަށެވެ. މިއީ ސީދާ ދެޤައުމުގެ ބޯޑަރު ގުޅޭ ސަރަޙައްދުތަކެވެ.
މި ޙަމަލާތަކުގެ ސަބަބުން ޕަކްތިއާ ޕްރޮވިންސްގެ ގިނަ ޢިމާރާތްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވައިގެ ޙަމަލާތަކަށްފަހު ބައެއް ޢިމާރާތްތައް ފުނޑުފުނޑުވެފައިވާއިރު، އެ ސަރަޙައްދުތަކުގެ ޢާންމު ރައްޔިތުން ދަނީ ގެއްލުންވެފައިވާ ތަންތަން ބަލައި، ވެއްޓިފައިވާ ޢިމާރާތްތަކުގެ ކުނިބުނިތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
