ދުނިޔެ

އިންޑިއާގެ ސައިންސްވެރިން ސިކުނޑީގެ އެންމެ ފަހު މަރުޙަލާގެ ޗާޓު ކުރަހަނީ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ގަރުނަކަށްވުރެ ގިނަ ދުވަސް ވަންދެން، ކުރީގެ ޗާޓު ކުރަހާ މީހުން ނޭނގޭ ބިންތައް ހޯދި ގޮތަށް ނިއުރޯސައިންޓިސްޓުން ވަނީ އިންސާނާގެ ސިކުނޑި ދިރާސާކޮށްފައެވެ. އަދިވެސް، އަލްޒައިމާސް ފަދަ ބަލިތައް ދެނެގަތުމަށް ޑޮކްޓަރުން ބަލަނީ 86 ބިލިއަން ނިއުރޯން އެކުލެވޭ ގުނަވަނަކުން ނަގާ މަދު ޓިޝޫ ސާމްޕަލްތަކަކަށެވެ. ސިކުނޑީގެ ބޮޑު ބައެއް އަދިވެސް ވަނީ ނުހޯދިއެވެ.

ނަމަވެސް، އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ މަދްރާސް (އައިއައިޓީ-އެމް) ގެ ސުދާ ގޯޕާލްކްރިޝްނަން ބްރެއިން ސެންޓަރު (އެސްޖީބީސީ) ގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެމީހުން ވަނީ މި ބޮޑު ހުސްކަން ފުރާލުމަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ. އެމީހުން ވަނީ ސެލިއުލަރ ރެޒޮލިއުޝަންގައި އިންސާނާގެ ސިކުނޑީގެ އެންމެ ތަފްސީލީ ތްރީޑީ އެޓްލަސް ތައްޔާރުކޮށްފައެވެ. މިއީ މުޅި ސިކުނޑީގެ އެމްއާރްއައި ސްކޭނުން ފެށިގެން ވަކިވަކި ނާރު ސެލްތަކާ ހަމައަށް ފަސޭހަކަމާއެކު ބަލައިލެވޭނެ ޑިޖިޓަލް ޗާޓެކެވެ.

'އެންކަރ' (އެޓްލަސް އޮފް ނިއުރޯކެމިކަލް ކެރެކްޓަރައިޒޭޝަން އޮފް ދަ ހިއުމަން ބްރެއިންސްޓެމް ވިތް ތްރީޑީ ރީކޮންސްޓްރަކްޝަން) ގެ ނަމުން ނަންދީފައިވާ މި ޗާޓުގައި ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ފްރޫޓަސްގެ ސިކުނޑީގެ 500 އަށްވުރެ ގިނަ ޓިޝޫ ސެކްޝަންތައް ހިމެނެއެވެ. އަގުބޮޑު މޮލިކިއުލަރ ޓެކްނިކްތަކުގެ ބަދަލުގައި ހައި ރެޒޮލިއުޝަން މައިކްރޮސްކޯޕް މަންޒަރުތަކުން ބިނާކޮށްފައިވާ މި ޗާޓުން ސިކުނޑީގެ 200 އަށްވުރެ ގިނަ ސެލް ކްލަސްޓަރތަކާއި ނާރުތަކުގެ މަގުތައް ދެނެގަނެވޭނެއެވެ. އަދި ތަފާތު ސެލްތައް ވަކިކުރުމަށް 8 ކެމިކަލް މާކަރެއް ބޭނުންކޮށްފައިވެއެވެ. މިއީ ސިކުނޑީގެ މި މުހިންމު ބައި ދެނެގަތުމަށް މިހާތަނަށް ލިބުނު އެންމެ ސާފު އެއް މަންޒަރެވެ.

ބްރެއިންސްޓެމް އަކީ ސިކުނޑީގެ ވަރަށް ކުޑަ މިންވަރެއް ނަމަވެސް، މިއީ އިންސާނާ ދިރިހުރުމަށް އެންމެ މުހިންމު ބައެވެ. މި ބައިން ސިކުނޑިއާއި މައިބަދަ ގުޅުވައިދީ، ނޭވާލުމާއި، ހިތުގެ ވިންދާއި، ނިދުމާއި އަދި ހަރަކާތްތައް ކޮންޓްރޯލް ކުރެއެވެ. މިތަނުގައި ހިމެނޭ ކުދި ސެލްތަކަށް ލިބޭ ގެއްލުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. ނަމަވެސް މި ސަރަޙައްދު އެކުލެވިފައިވާ ގޮތުގެ ސަބަބުން، މީގެ ތަފްސީލީ ޗާޓެއް ކުރެހުމަކީ މިހާތަނަށް އުނދަގޫ ކަމަކަށް އޮތީ ވެފައެވެ.

އެންކަރގެ މުހިންމުކަން އޮތީ ހަމައެކަނި އެނަޓޮމިކަލް ޗާޓެއް އުފެއްދުމަކު ނޫނެވެ. އޭގެ ބަދަލުގައި، ވަކިން އޮތް ދެ ދާއިރާއެއް ކަމަށްވާ މެޑިކަލް އިމޭޖިންގ އަދި ސެލިއުލަރ ޕެތޮލޮޖީ މިއިން ގުޅުވައިދެއެވެ. ޓާޓާ އިންސްޓިޓިއުޓް އޮފް ފަންޑަމެންޓަލް ރިސަރޗްގެ އިންޑިއާ ނިއުރޯސައިންޓިސްޓް ޝުބާ ޓޯލް ވިދާޅުވި ގޮތުގައި، މިއީ އިންޖިނިއަރިންގ، ނިއުރޯސައިންސް އަދި މެޑިސިން ގުޅުވައިލާ "މިހާތަނަށް ނުފެންނަ ފަދަ އިންޓަގްރޭޝަނެއް" ގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މިއީ އިންޑިއާ ބައިނަލްއަޤްވާމީ ފެންވަރުގައި ވިދާލާނެ ޕްރޮގްރާމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުގޮތެއްގައި ޑޮކްޓަރުން ބަލި ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ނުވަތަ އޮޕަރޭޝަންތަކުން ނަގާ މުޅި ސިކުނޑި ތަޙުލީލުކުރެއެވެ. ބޮޑުމީހެއްގެ ސިކުނޑީގެ ބަރުދަނުގައި ގާތްގަނޑަކަށް 1.2-1.5 ކިލޯގްރާމް ހުންނައިރު، މައިކްރޮސްކޯޕުން ބެލުމުގެ ކުރިން ސިކުނޑީގެ ބައްޓަމުން މުހިންމު މަޢުލޫމާތުތަކެއް ލިބެއެވެ.

ހާވަރޑް މެޑިކަލް ސްކޫލް އަދި ނިއުޔޯކް ޔުނިވާސިޓީއާ ގުޅިފައިވާ އަދި އެސްޖީބީސީ ޓީމާ ގުޅިގެން މަސައްކަތްކުރައްވާ ރެބެކާ ފޯކަރތް ވިދާޅުވި ގޮތުގައި، ނިއުރޯޕެތޮލޮޖިސްޓެއްގެ ހައިސިއްޔަތުން އޭނާ ފުރަތަމަ ބަލަނީ ހަމަލޮލަށް ފެންނަން އޮންނަ މުޅި ސިކުނޑިއަށެވެ. އެއަށްފަހު މައިކްރޮސްކޯޕުން ކުދި ބައިތައް ބަލައެވެ. "އަލްޒައިމާސް ބަލީގައި އަޅުގަނޑުމެން ބަލާނީ ހަމައެކަނި 15 ނުވަތަ 20 ސެކްޝަން،" އޭނާ ވިދާޅުވިއެވެ.

މިއީ މީގެ ގަރުނެއްހާ ދުވަސް ކުރިން ސްޕެއިންގެ ނިއުރޯސައިންޓިސްޓް ސެންޓިއާގޯ ރަމޯން ވައި ކަހާލްގެ ހޯދުންތަކަށްފަހު ޢަމަލުކުރަމުން އައި ގޮތެވެ. ޒަމާނީ އެމްއާރްއައި އިން މުޅި ސިކުނޑި ފެނުނު ނަމަވެސް ސެލްތަކުގެ ތަފްސީލެއް ނުލިބެއެވެ. ފޯކަރތް ބީބީސީއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިއާގެ ސެންޓަރުން އުފައްދާފައިވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެއީ ސިކުނޑީގެ ސްކޭންތައް އޭގެ މައިކްރޮސްކޯޕިކް އެނަޓޮމީއާ ދިމާވުމެވެ.

އެންކަރ އިން މި މައްސަލައަށް ހައްލެއް ގެނެސްދެއެވެ. އެމްއާރްއައި އިން ފެންނަ މުޅި ބްރެއިންސްޓެމް އިން ފެށިގެން ވަކިވަކި ނިއުރޯންތަކާ ހަމައަށް ޒޫމްކޮށްލެވެއެވެ. ދިރާސާކުރާ ފަރާތްތަކުން މި ޗާޓު އޮންލައިންކޮށް ހިލޭ ލިބޭނެހެން ހަދާފައިވާއިރު، މިއީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ ނިއުރޯސައިންޓިސްޓުންނާއި، ނިއުރޯލޮޖިސްޓުން އަދި ނިއުރޯސަރޖަނުންނަށް މުހިންމު ރެފަރެންސް ޓޫލްއަކަށް ވާނެކަމަށް އުންމީދުކުރެއެވެ.

ސިއްޙަތު ރަނގަޅު ބްރެއިންސްޓެމްތަކާއި ބަލިވެފައިވާ ޓިޝޫތައް އަޅާކިޔައިގެން، ޕާކިންސަންސް، ސްޓްރޯކް، އަލްޒައިމާސް އަދި ސިޑްސް ފަދަ ބަލިތައް އިތުރަށް ދެނެގަތުމަށް ފަސޭހަވާނެއެވެ. މިއީ ބަލި ދެނެގަންނަ ވަސީލަތެއް ނޫނެވެ. ނަމަވެސް މީގެ އެންމެ ބޮޑު ފައިދާއަކީ މިހާތަނަށް ޖަވާބު ނުލިބިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށް މަގުފަހިވުމެވެ.

ނިއުޔޯކްގެ މަޝްހޫރު ކޯލްޑް ސްޕްރިންގ ހާބަރ ލެބޯޓްރީގެ ސައިންސްވެރިއެއް ކަމަށްވާ ޕާރތާ މިތްރާ ވިދާޅުވި ގޮތުގައި، މިފަދަ ތަފްސީލީ ޗާޓުތަކުގެ ސަބަބުން ނިއުރޯލޮޖިކަލް ބަލިތައް ދިރާސާކުރުމަށް "އިންޤިލާބީ ބަދަލެއް" އަންނާނެއެވެ. އަދި ކޮވިޑް-19 ފަދަ އިންފެކްޝަންތަކުން ސިކުނޑިއަށް ދިގުމުއްދަތުގެ ގެއްލުންތައް ވާގޮތް ވެސް މީގެން ސާފުވެދާނެ ކަމަށް އޭނާ ބީބީސީއަށް ވިދާޅުވިއެވެ. ސްޓްރޯކްގެ މިސާލު ނަންގަވަމުން ފޯކަރތް ވިދާޅުވީ، އަނިޔާވެފައިވާ އެކަމަކު ފަރުވާދެވިދާނެ ސިކުނޑީގެ ޓިޝޫތައް ސަލާމަތްކުރުމަށް ޑޮކްޓަރުންނަށް މި އެޓްލަސްއިން އެހީތެރިވެދޭނެ ކަމަށެވެ.

މި ޗާޓުގެ އެންމެ ހާއްސަ އެއް ސިފަޔަކީ އޭގެ ސާދާކަމެވެ. މިއީ މަރުވެފައިވާ މީހުންގެ ސިކުނޑީގެ ތުނި ފަށަލަތަކެއްގެ މަތީ ފެންވަރުގެ ފޮޓޯތަކުން އުފައްދާފައިވާ އެއްޗަކަށްވުމުން، މިއީ ހަރަދުކުޑަ ގޮތެކެވެ. މީގެ ސަބަބުން މީގެ ކުރިން ނުކުރެވޭހާ ފުޅާ ދާއިރާއެއްގައި އިންސާނާގެ ބްރެއިންސްޓެމް ޗާޓުކުރުން ވަނީ ވާނެކަމަކަށް ވެފައެވެ.

މި ކާމިޔާބީން ދައްކުވައިދެނީ ނިއުރޯސައިންސްއަށް އަންނަމުންދާ ބޮޑު ބަދަލެކެވެ. މިހާރު މި ދާއިރާގެ ކުރިއެރުން ބިނާވެފައިވަނީ ހަމައެކަނި ބަޔޮލޮޖީގެ މައްޗަކަށް ނޫނެވެ، އިންޖިނިއަރިންގ އަދި ކޮމްޕިއުޓޭޝަންގެ ދައުރުވެސް އެހާމެ ބޮޑެވެ. އެސްޖީބީސީގެ ގާތްގަނޑަކަށް 20 ސައިންސްވެރިން ވަނީ 18 މަސްދުވަސް ހޭދަކޮށްގެން 200 އަށްވުރެ ގިނަ ބްރެއިން ސެކްޝަންތައް އަތުން ތަހުލީލުކޮށްފައެވެ. މިހާރު އެ ސެންޓަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ރިސާޗަރުންނާއި އިންޖިނިއަރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެސްޖީބީސީގެ އިސްވެރިޔާ މޯހަނަސަންކަރް ޝިވަޕްރަކާސަމް ބީބީސީއަށް ވިދާޅުވީ، ސައިންސްވެރިން ވަނީ ތަފާތު ޖަނަވާރުތަކުގެ ސިކުނޑީގެ ތަފްސީލީ ޗާޓުތައް ކުރަހާފައި ކަމަށެވެ. ނަމަވެސް އިންސާނުންގެ ސިކުނޑީގެ ޓިޝޫތައް ދިރާސާކުރުމަށް ލިބެން ހުންނަ މިންވަރު މަދުވުމުގެ ސަބަބުން، އިންސާނާގެ ސިކުނޑީގެ ތަފްސީލުތައް އަދިވެސް ހުރީ އެކަށީގެންވާ ވަރަށް ނުހޯދިއެވެ.

މިތްރާ ވިދާޅުވި ގޮތުގައި "ތަފާތު އެޓްލަސްތަކުން ކުރަނީ ތަފާތު ކަންކަމެވެ." އެމްއާރްއައި އަށް ބިނާކޮށް ހަދާފައިވާ އެޓްލަސްތަކުން ސިކުނޑީގެ ބޮޑު އޮނިގަނޑު ފެނުނަސް ވަކިވަކި ސެލްތަކެއް ނުފެނެއެވެ. އަދި އާ މޮލިކިއުލަރ ގޮތްތަކުން ކޮންމެ ސެލްއެއްގެ އަސްލު ދެނެގަނެވެއެވެ. ނަމަވެސް ސިކުނޑީގެ އެކި ސަރަހައްދުތަކާއި ސެލްތަކުގައިވާ ގާތްގަނޑަކަށް 20،000 ޕްރޮޓީން ބެހިފައިވާ ގޮތާމެދު ސައިންސްވެރިންނަށް އަދިވެސް މާގިނަ މަޢުލޫމާތެއް ނޭނގެއެވެ. ފޯކަރތް ވިދާޅުވި ގޮތުގައި، "ކޮންމެ ސިކުނޑިއަކީވެސް އާ މަޢުލޫމާތުތަކެއް ފޮރުވިފައިވާ ހަޒާނާއެކެވެ."

އެސްޖީބީސީން މިހާރު ރާވަމުންދަނީ އިންސާނާގެ އުމުރުގެ އެކި މަރުޙަލާތަކުގައާއި އަލްޒައިމާސް ފަދަ ނިއުރޯލޮޖިކަލް ބަލިތައް ތަޙައްމަލުކުރާ 100 އަށްވުރެ ގިނަ މީހުންގެ މުޅި ސިކުނޑި އިމޭޖްކުރުމަށެވެ. މީގެ ބޭނުމަކީ ބަލީގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ރެފަރެންސް ލައިބްރަރީއެއް އުފެއްދުމެވެ. މި އާ އެޓްލަސްގެ ސަބަބުން އިންސާނާގެ ސިކުނޑީގެ ހުރިހާ ސިއްރެއް ހާމަނުވެދާނެއެވެ. ނަމަވެސް ސައިންސްވެރިންނަށް މާ ތަފްސީލީ ޗާޓެއް ލިބުމުން، މިއީ ކުރިމަގުގައި މުހިންމު ސުވާލުތަކެއް އުފައްދައި އޭގެ ޖަވާބު ހޯދުމަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!