ޚަބަރު

ސަފާރީ ރޭޕް ކޭސް: ބަޔާނަށް އުނި އިތުރެއް ގެނައިކަމަށް ކުރެވޭ ތުހުމަތު ފުލުހުން ދޮގު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަހަރުގެ ޖޫން މަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި، ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ވިކްޓިމް ދީފައިވާ ބަޔާން ބަދަލުކޮށް އެއަށް އުނި އިތުރު ގެނައިކަމަށް ފުލުހުންނަށް ކޮށްފައިވާ ތުހުމަތު އެމުއައްސަސާއިން ދޮގު ކޮށްފިއެވެ.

Ads by STELCO

މިކަމާއި ގުޅޭގޮތުން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީސްމީޑިއާ ގައި އާއްމުކޮށްފައިވާ އެވީޑިއޯ ކްލިޕަކީ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ވިކްޓިމާއި "ސްކައިޕް" މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއު ރިކޯޑިންގ އަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓު ކުރުމުގެ މަރުހަލާގައި ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކައެއްގެ ވީޑިއޯ ކްލިޕެއް ކަމުގައެވެ.

"މިއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާ ގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތާއި ޚިލާފަށް ދައްކާފައިވާ ވާހަކަތަކެއް. އަދި މިވާހަކަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ޤާނޫނީ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުޢާމަލާތްތަކެއް ނޫން" ފުލުހުންގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ ތަހުގީގަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަހުގީގުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމާއި ބަޔާންދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަހުގީގުކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓު ކުރުމަކީ ޢާއްމު އުސޫލުން ވެސް ޢަމަލު ކުރެވޭ ގޮތް ކަމަށާއި އެއީ ތަހުގީގަށް ނެގޭ ބަޔާން ބަދަލު ކުރުން ނޫން ކަމުގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!