ދުނިޔެ

ފަރަންސޭސިވިލާތުގެ 6 ވަނަ ޖީލުގެ ފައިޓަރ ޖެޓް ޕްރޮގްރާމުގައި ބައިވެރިވުމަށް އިންޑިއާއިން މަސައްކަތް ފަށައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާއިން ވަނީ ފަރަންސޭސިވިލާތުން ކުރިއަށްގެންދާ ފިއުޗަރ ކޮމްބެޓް އެއަރ ސިސްޓަމް (އެފްސީއޭއެސް) ނަމަކަށް ކިޔާ 6 ވަނަ ޖީލުގެ ފައިޓަރ ޖެޓް އުފެއްދުމުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ރަސްމީގޮތުން ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

އިންޑިއާގެ ޕާލަމެންޓަރީ ޑިފެންސް ކޮމިޓީއަކަށް އެ ޤައުމުގެ ޑިފެންސް މިނިސްޓްރީން ހުށަހެޅި ލިޔެކިޔުންތަކަކާ ހަވާލާދީ 'އޯޕެކްސް360' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފަރަންސޭސި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި ބައިވެރިވުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މީގެ ކުރިން އިންޑިއާއިން ވިސްނަމުން ދިޔައީ ޔޫރަޕްގެ 6 ވަނަ ޖީލުގެ ދެ ފައިޓަރ ޕްރޮގްރާމްކަމަށްވާ ފަރަންސޭސިވިލާތުގެ އެފްސީއޭއެސް ނުވަތަ އިނގިރޭސިވިލާތާއި، އިޓަލީ އަދި ޖަޕާނު ގުޅިގެން ހިންގާ ގްލޯބަލް ކޮމްބެޓް އެއަރ ޕްރޮގްރާމް (ޖީކެޕް) ގެ ތެރެއިން ކޮންމެވެސް އެއް ޕްރޮގްރާމެއްގައި ބައިވެރިވުމަށެވެ.

އަދި 2026 ވަނަ އަހަރުގެ މާރިޗު މަހު، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗޯހާން ވަނީ މިއިން ކޮންމެވެސް އެއް ޕްރޮގްރާމަކާ ގުޅި، 6 ވަނަ ޖީލުގެ ބޯޓެއް އުފެއްދުމުގެ ދިރާސާތައް ފެށުމަށް އިންޑިއާއިން ގަސްދުކުރާކަން ހާމަކުރައްވާފައެވެ.

ނަމަވެސް، މި ޙާލަތު ބަދަލުވެގެން ދިޔައީ އެފްސީއޭއެސް ޕްރޮގްރާމްގެ މައިގަނޑު އަސާސްކަމުގައިވާ 'ނިއު ޖެނެރޭޝަން ފައިޓަރ' (އެންޖީއެފް) އުފެއްދުމަށް ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާ ދެމެދު އޮތް ގުޅުން ނިމުމަކަށް އައުމާ ގުޅިގެންނެވެ. އެ މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތަކާމެދު އުފެދުނު ދިގުލީ ޚިޔާލުތަފާތުވުންތަކަކަށްފަހު، 2026 ވަނަ އަހަރުގެ ޖޫން މަހު އެ ދެ ޤައުމުން ވަނީ ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތް ހުއްޓާލުމަށް އެއްބަސްވެފައެވެ. މިއާއެކު، ފަރަންސޭސިވިލާތުން ފެށީ މި މަޝްރޫޢަށް އައު ބައިވެރިން ހޯދުމުގެ މަސައްކަތެވެ.

މިކަމާ ގުޅިގެން، ޑެސޯލްޓް އޭވިއޭޝަންގެ ސީއީއޯ އެރިކް ޓްރެޕިއަރ ޖުލައި މަހު ވިދާޅުވީ، 6 ވަނަ ޖީލުގެ ފައިޓަރ އުފެއްދުމުގައި ބައިނަލްއަޤްވާމީ އެހީތެރިކަން ފުޅާކުރުމަށް އޭނާ ތާއީދުކުރައްވާ ކަމަށާއި، އޭގެ ތެރޭގައި ޔޫރަޕުން ބޭރުގެ ޤައުމުތައް ބައިވެރިވުމަށްވެސް މަރުޙަބާ ކިޔާ ކަމަށެވެ.

ފަރަންސޭސިވިލާތުގެ މި މަޝްރޫޢުގައި ބައިވެރިވުމުން އިންޑިއާއަށް ޒަމާނީ ފައިޓަރ ޓެކްނޮލޮޖީތައް ލިބި، އެ ޤައުމުގެ އަމިއްލަ އަސްކަރީ މަތިންދާބޯޓުތައް އުފެއްދުމުގެ ދުވެލި ހަލުވިވެގެންދާނެއެވެ. ޚާއްޞަކޮށް ޗައިނާއިން މިހާރުވެސް ޖޭ-20 އަދި ޖޭ-35 މަރުކާގެ ފައިޓަރ ޖެޓްތައް ބޭނުންކުރަމުންދާތީއާއި، 6 ވަނަ ޖީލުގެ ފައިޓަރ ޕްރޮޓޯޓައިޕްތައް ޓެސްޓުކުރަމުންދާތީ، ޗައިނާއަށްވުރެ ފަހަތަށް ނުގޮސް ހިފެހެއްޓުމަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާއާއި ކަނޑުގެ އަސްކަރިއްޔާއިން ބޭނުންވެއެވެ.

މީގެ އިތުރުން، އިންޑިއާއިން އަންނަނީ އަމިއްލަ އަސްކަރީ މަތިންދާބޯޓު އުފެއްދުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގަމުންނެވެ. އޭގެ ތެރޭގައި 5 ވަނަ ޖީލުގެ އޭއެމްސީއޭ ފައިޓަރ އަދި މަތިންދާބޯޓު އުފުލާ މަނަވަރުގައި ބޭނުންކުރާ ޓީއީޑީބީއެފް ފައިޓަރ ހިމެނެއެވެ. ބައިނަލްއަޤްވާމީ މަޝްރޫޢެއްގައި ބައިވެރިވުމަކީ މި ޕްރޮގްރާމްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އަސްކަރީ އޭވިއޭޝަންގެ އައު ޓެކްނޮލޮޖީތަކަށް އިންޑިއާއަށް ވަދެވޭނެ މަގުފަހިކޮށްދޭނެ ކަމެކެވެ.

ހަމައެއާއެކު، އިންޑިއާގެ ޑިފެންސް މިނިސްޓަރު ދާދި ފަހުން ވިދާޅުވެފައިވަނީ، ރަޝިއާގެ ސޫ-57އީ މަރުކާގެ ފައިޓަރ ޖެޓްތައް ގަތުމުގެ ވިސްނުމެއް ނެތްކަމަށާއި، އޭގެ ބަދަލުގައި އިސްކަންދޭނީ މިހާރު ގެންގުޅޭ ސޫ-30އެމްކޭއައި ފްލީޓް އިތުރަށް ތަރައްޤީކުރުމަށް ކަމަށެވެ.

މީގެ ކުރިން 'މިލިޓަރނީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖަރުމަނުވިލާތާއި ސްޕެއިނުން ވަނީ ފަރަންސޭސިވިލާތާ ނުލައި 6 ވަނަ ޖީލުގެ ފައިޓަރ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެގޮތުން އައު "ޓީމް ޖެން 6" އިންޑަސްޓްރިއަލް ޕާޓްނަރޝިޕްގެ ދަށުން، އެފްސީއޭއެސް ޕްރޮގްރާމްގައި ޖަރުމަނާއި ސްޕެއިނުން ކުރަންޖެހޭ ބައިތަކުގެ މަސައްކަތް ކުރިއަށްގެންދާނީ އެއަރބަސް ކުންފުނިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!