ދުނިޔެ

އިންޑިއާއިން މެދު ރާސްތާގެ 'އަގްނީ-4' މިސައިލް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އޮޑިޝާގެ ޗަންދީޕޫރުގައި ގާއިމުކޮށްފައިވާ އިންޓަގްރޭޓެޑް ޓެސްޓް ރޭންޖުން، މެދު ރާސްތާގެ 'އަގްނީ-4' މިސައިލް ބުރާސްފަތި ދުވަހު އިންޑިއާއިން ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިކަމަށް އެ ގައުމުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ޓެސްޓު ފޮނުވާލުމުގެ ތެރެއިން މިސައިލްގެ އޮޕަރޭޝަނަލް އަދި ޓެކްނިކަލް ހުރިހާ މިންގަނޑުތަކެއް ވަނީ ކާމިޔާބުކަމާއެކު ކަށަވަރުކުރެވިފައެވެ.

މި ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ، އިންޑިއާގެ އަސްކަރީ އަދި ސްޓްރެޓީޖިކް ބާރުތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާ ކަމަށްވާ 'ސްޓްރެޓީޖިކް ފޯސަސް ކޮމާންޑް' ގެ ބެލުމުގެ ދަށުންނެވެ.

މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މިފަދަ ޓެސްޓުތަކުން ދައްކައިދެނީ، އިންޑިއާގެ ސްޓްރެޓީޖިކް މިސައިލް ފޯސް ޒަމާނީކުރުމުގެ މަސައްކަތް އެ ގައުމުން ހަލުވިކުރަމުންދާ ކަމެވެ. އަދި ހަމައެއާއެކު، ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރުގެ ނިޒާމުތައް ދިރާސާކުރުމާއި، އުފެއްދުމާއި، އަދި އޮޕަރޭޓްކުރުމުގައި އެ ގައުމުން އަމިއްލަ ނަފްސަށް ބަރޯސާވުން އިތުރުކުރަމުންދާކަންވެސް މިކަމުން ސާބިތުކޮށްދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!