ދުނިޔެ

އިންޑިއާގެ ނޮން-ފޮސިލް ހަކަތަ އުފައްދާ މިންވަރު 300 ގިގަވޮޓް ފަހަނައަޅައިފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

އިންޑިއާގެ މިނިސްޓްރީ އޮފް ނިއު އެންޑް ރިނިއުވަބަލް އެނާޖީއިން ހާމަކޮށްފައިވާ ގޮތުގައި، 31 ޖުލައި 2026 ގެ ނިޔަލަށް އެ ގައުމުގައި ނޮން-ފޮސިލް ފިއުލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ކެޕޭސިޓީ ވަނީ 300.50 ގިގަވޮޓަށް އަރައިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ވަނީ 164.59 ގިގަވޮޓާއެކު އިޔާދަކުރަނިވި އަވީގެ ހަކަތައަށެވެ.

އިންޑިއާގައި ކަރަންޓު އުފެއްދުމަށް ގާއިމުކޮށްފައިވާ ޖުމްލަ 552 ގިގަވޮޓްގެ ކެޕޭސިޓީގެ ތެރެއިން 54 އިންސައްތައަށްވުރެ ބޮޑު ބައެއް މިހާރު ހިއްސާކުރަނީ ނޮން-ފޮސިލް ވަސީލަތްތަކުންނެވެ. އަވީގެ ހަކަތައިގެ ފަހަތުން ދެން އެންމެ ގިނައިން ހަކަތަ އުފައްދަނީ ވައިންނާއި ފެނުންނެވެ. އެގޮތުން ވައިގެ ހަކަތައިގެ ކެޕޭސިޓީ 58.14 ގިގަވޮޓްގައި ހުރިއިރު، ހައިޑްރޯ ޕަވަރ ކެޕޭސިޓީ ހުރީ 57.24 ގިގަވޮޓްގައެވެ. މީގެ އިތުރުން ބަޔޯ-ޕަވަރ އިން 11.75 ގިގަވޮޓް އަދި ނިއުކްލިއަރ ހަކަތައިން 8.78 ގިގަވޮޓް އުފައްދައެވެ.

ފާއިތުވި އަހަރުތަކުގައި މި ދާއިރާއިން އިންޑިއާއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. 2014 ވަނަ އަހަރު ސޯލާ ކެޕޭސިޓީ 2.8 ގިގަވޮޓްގައި ހުރުމަށްފަހު މިހާރު އެ އަދަދު ވަނީ ގާތްގަނޑަކަށް 165 ގިގަވޮޓަށް އިތުރުވެފައެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ވައިގެ ހަކަތައިގެ ކެޕޭސިޓީ ވަނީ 21 ގިގަވޮޓުން 58 ގިގަވޮޓަށްވުރެ މައްޗަށް ޖެހިފައެވެ.

2025-26 ވަނަ މާލީ އަހަރަކީ އިންޑިއާއަށް ފާހަގަކޮށްލެވޭ އަހަރެކެވެ. އެ އަހަރުގެ ތެރޭގައި ރެކޯޑު މިންވަރަކަށް، އެބަހީ 55.29 ގިގަވޮޓްގެ ނޮން-ފޮސިލް ހަކަތަ ވަނީ އިތުރުކޮށްފައެވެ. މީގެ ތެރޭގައި 44.6 ގިގަވޮޓްގެ އަވީގެ ހަކަތައާއި 6 ގިގަވޮޓްގެ ވައިގެ ހަކަތަ ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2014-15 ގައި އިޔާދަކުރަނިވި ހަކަތަ އުފެއްދި 190.96 ބިލިއަން ޔުނިޓުން 2025-26 ގައި މި އަދަދު ވަނީ 477.79 ބިލިއަން ޔުނިޓަށް އުފުލިފައެވެ.

ކަރަންޓު އުފައްދާ މިންވަރު އިތުރުވުމާ ގުޅިގެން، އިންޑިއާގެ އެތެރޭގައި ސޯލާ ޕެނަލްތައް އުފައްދާ މިންވަރުވެސް ވަނީ ފުޅާކޮށްފައެވެ. "އެޕްރޫވްޑް ލިސްޓް އޮފް މޮޑެލްސް އެންޑް މެނުފެކްޗަރާސް ފޯ ސޯލާ ޕީވީ މޮޑިއުލްސް" ގެ ދަށުން ލިސްޓުކޮށްފައިވާ ކެޕޭސިޓީ 200 ގިގަވޮޓަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ 2014 ވަނަ އަހަރު ހުރި 2.3 ގިގަވޮޓާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، އިންޑިއާ ސަރުކާރުން އަންނަނީ "ނޭޝަނަލް ގްރީން ހައިޑްރޯޖަން މިޝަން" ގެ ދަށުން ސިނާއީ ދާއިރާތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!