ވެންޓިލޭޓަރު މައްސަލައިގައި އަމީނާ ދެކޮޅަށް ދައުވާ ކޮށްދޭން ފޮނުވައިފި
ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ، 149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދޭން ފޮނުވައިފިއެވެ.
އެނގިފައިވާ ގޮތުގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ މިނިސްޓަރ އަމީންގެ އިތުރުން ބިޑް ކޮމިޓީއަށެވެ.
އޭސީސީން ވަނީ ހެލްތު މިނިސްޓްރީގެ ފައިނޭނަޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި އެއްބަސްވުން ޗެކުކޮށް، ސޮއިކުރި ދެ މީހުންގެ މައްޗަށް ވެސް ދައުވާ އުފުލައިދޭން އެދިފައެވެ.
މިމައްސަލަ ޕީޖީ އަށް ފޮނުވާފައިވަނީ ރޭ ދަންވަރު ގާތްގަނޑަކަށް ދޭއްޖެހިއިރު ކަމަށާއި މައްސަލައިގައި ދައުވާކުރާ މީހުންނަށް އެކަމުގެ ލިއުން ފޮނުވީ ދަންވަރު ތިނެއް ޖެހިއިރު ކަން ވެސް އެނގިފައިވެ އެވެ.
އެމިނިސްޓްރީގެ ބިޑް ކޮމިޓީގައި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއިި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު ހިމެނިވަޑައިގަންނަވަ އެވެ.
އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު، އަދި ޕަބްލިކް ޕްރޮސިކިއުޓަ އަހުމަދު ޝަފީއު ވިދާޅުވީ ތަހުގީގު ނިންމައި ފުރަތަމަ ފޮނުވުމުން އިސްލާހުކުރަން ލަފާ ދިން ކަންކަން ރަނގަޅުކޮށް، އެ މައްސަލަ އަލުން އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މާދަމާ ދިރާސާކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.