ހުޅުމާލެ ވިނަރެސް ފްލެޓް ކައިރީގައި އެކްސިޑެންޓެއް: އަނިޔާވި 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ބޮޑެތި ޒަހަމްތަކެއް ލިބި، ހާލު ސީރިއަސްވެއްޖެއެވެ.
މީގެ ކުޑަވަގުތުކޮޅެއް ކުރިން ހިނގި މި ހިތާމަވެރި ހާދިސާގައި ކުއްޖާގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފައިބާފައިވާއިރު، ލިބިފައިވާ އަނިޔާތައް ވަރަށް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓް ހިނގުމާ އެކު ވަގުތުން ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖާއަށެވެ. މި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، 9 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.