ޚަބަރު

ސިޔާސީ މަޤާމުގައި ތިބި 205 މުވައްޒަފަކު ވަކިކޮށްފިން: ތަރުޖަމާނު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ޕްރެސަރ ވިތް ދަ ސްޕޯކްސް ޕްރޮގުރާމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އިސްރާފުތައް ކުޑަކޮށް މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިހާތަނަށް 205 ސިޔާސީ މުވައްޒަފަކު މަޤާމުން ދުރުކޮށްފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

"ޕްރެސަރ ވިތް ދަ ސްޕޯކްސް"ގެ ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފާހަގަކުރެއްވި ގޮތުގައި، ވަޒީފާއިން ވަކިކުރެވުނު ފަރާތްތައް ނިސްބަތްވަނީ ސިޔާސީ މައިގަނޑު ހަތަރު ފަންތިއަކަށް ތަރުޖަމާނު ވިދާޅުވިއެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މީގެ ތެރޭގައި ހިމެނިވަޑައިގަންނަވާކަމަށެވެ.

މި އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެކަމުގެ އިޝާރާތެއް ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މަޤާމުތައް މަދުކުރުމުގެ މަސައްކަތަކީ އަދި މުޅިން ނިމިފައިވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މުސްތަޤުބަލުގައި އިތުރު މުވައްޒަފުންތަކެއް ވަކިކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ބަދަލުކޮށް، އެތަންތަން އިސްލާޙުކުރުމުގެ މަސައްކަތް ވެސް ހިނގަމުންދާކަން ރަތުޖަމާނު ހާމަކުރެއްވިއެވެ. މި ބަދަލުތައް ގެނެސް ނިމޭއިރު، މި ވެރިކަމުގައި އަލަށް ވަޒީފާ ދިން މީހުންގެ ނިސްބަތަށްވުރެ، މަޤާމުތަކުން އުނިކުރެވޭ މީހުންގެ އަދަދު މާ ބޮޑުތަނުން އިތުރުވެގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!