2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އެއްބުރުން ކާމިޔާބުކުރައްވާނެ: ފަލާޙު
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުން އެކުވެރިކަމާ އެކު ގުޅިގެން ކުރާ މަސައްކަތުން 2028ވަނަ އަހަރުގެ ރިޔާސީ ރޭސް އެއްބުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވާނެކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަތީ މަޖިލީހުގެ ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ފަލާޙު ފާހަގަކުރެއްވި ގޮތުގައި، އެ ޕާޓީގެ ލީޑަރޝިޕާއި އެތައް ހާސް އާންމު މެންބަރުންގެ ފުރިހަމަ ތާއީދާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓަކީ ރައީސް މުޢިއްޒުކަމަށް މިހާރު ވަނީ ކަނޑައެޅިފައެވެ. އަދި ޤާބިލު، ހުނަރުވެރި ދަރިންތަކަކާ އެކު ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ޕީއެންސީ މިހާރު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތައް އަކުރުން އަކުރަށް ރައީސް ފުއްދަވަމުން ގެންދަވާކަން ރައްޔިތުން ބަލައިގަންނަކަމަށް ފަލާޙު ވިދާޅުވިއެވެ. އޭގެ އިތުރުން، އަމަލީގޮތުން ނަތީޖާ ނެރެދެއްވާ ވެރިއެއްގެ ގޮތުގައި ރައީސް ސިފަކުރައްވަމުން، އެމަނިކުފާނަކީ އަބަދުވެސް އިންސާފަށް ލޯބިކުރައްވައި، ރައްޔިތުންނަށާއި ޤައުމަށް ގެއްލުންވާނެ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް އިރުޝާދުދެއްވާ ނަމޫނާ ޝަޚްޞިއްޔަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ފަލާޙު ވަނީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވެސް ވަރުގަދަ ރައްދެއް ދެއްވާފައެވެ. ސަރުކާރު ހިންގާ ޕާޓީގެ ތެރޭގައި ފިތުނަ އުފައްދައި، ޕާޓީ ބައިބައިކޮށްލުމަށް ވާދަވެރިން ރާވަމުންދާ އެއްވެސް ރޭވުމެއް ކާމިޔާބު ނުވާނެކަމުގެ ޔަޤީންކަން އޭނާ ވަނީ ދެއްވާފައެވެ.