ސަރުކާރު

ޔޫއޭއީގެ ޝެއިޚް އަޙްމަދު ބިން ރާޝިދު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ފޮނުއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލްމަޚްތޫމް އުމުރުފުޅުން 76 އަހަރުގައި މިއަދު އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ރައްޔިތުންނާއި އާއިލާއަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކުރައްވައި ރައީސް ޢާންމުކުރެއްވި މެސެޖެއްގައި ވަނީ، މި ފުން ހިތާމައިގެ ދަނޑިވަޅުގައި ޔޫއޭއީގެ ލީޑަރޝިޕަށާއި މުޅި ޤައުމުގެ ރައްޔިތުންނަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެންފައެވެ. ހަމައެއާ އެކު، މަރުޙޫމް ޝެއިޚް އަޙްމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި އެމަނިކުފާނު ވަނީ މާތްﷲ ގެ ޙަޟްރަތުގައި ދުޢާދަންނަވާފައެވެ.

މިއަދުގެ ވަގުތެއްގައި ދުނިޔެ ދޫކުރެއްވި ޝެއިޚް އަޙްމަދަކީ ޔޫއޭއީގެ ސަރުކާރުގެ ވަރަށް މުހިންމު ފަށަލަތަކެއްގައި އިސް ދައުރެއް އަދާކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި އެ ޤައުމުގެ ސަރުކާރުން މިހާރު ވަނީ 10 ދުވަހުގެ ރަސްމީ ހިތާމައިގެ މުއްދަތެއް އިޢުލާންކޮށްފައެވެ.