މި އަހަރުގެ ފުރަތަމަ 9 މަހު ބީއެމްއެލްއިން 722 މިލިއަން ޑޮލަރު ވިއްކައިފި
މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ބޭންކުން ކަސްޓަމަރުންނަށް 722.1 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ރެމިޓަންސްގެ ގޮތުގައި ރާއްޖެއިން ބޭރަށް 2.86 ބިލިއަން ޑޮލަރު ފޮނުވައިފިއެވެ.
ބީއެމްއެލްގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ދިވެހި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު ވަނީ 722.1 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ފާއިތުވި 2025ވަނަ އަހަރުގެ މުޅި އަހަރު ދޫކުރި 733.8 މިލިއަން ޑޮލަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.
މިއަހަރުގެ މިހާތަނަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކާފައިވާއިރު، މިއީ 2025ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ %31 ބޮޑު ކުރިއެރުމެކެވެ.
ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ޑޮލަރު ވިއްކި މިންވަރު އިތުރުވެފައިވާއިރު، ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 373,600 އަށްވުރެ ގިނަ ރެމިޓަންސް މުއާމަލާތް މެދުވެރިކޮށް ޖުމްލަ 2.86 ބިލިއަން ޑޮލަރު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ސީޒަން އާންމުގޮތެއްގައި ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު މަހަކީ ރާއްޖެ އަށް ބޭރު ފައިސާ ވަންނަ މިންވަރު އެންމެ މަދު މަސްކަމަށް ވީނަމަވެސް، ބޭންކުން އަބަދުވެސް މިކަމަށް ދުރާލައި ތައްޔާރުވާކަން ވަނީ ފާހަގަކޮށްފައެވެ. މި ދަށްވުމަށް ފަހު، މިއަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމާ އެކު، ބޭރު ފައިސާ ނުވަތަ ޑޮލަރު ރާއްޖެއަށް ވަންނަ މިންވަރު އަލުން އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ބޭންކުން ވަނީ މިހާތަނަށް ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ ހާސިލްކޮށްފައެވެ. މި މުއްދަތުގައި ޓެކުހަށް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26ގެ ކުރިއެރުމެކެވެ. 2025ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައި ވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
މި ކުރިއެރުން ތިންވަނަ ކުއާޓަރުގައި ވެސް ވަނީ ދަމަހައްޓާފައެވެ. 2026ގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާއަކީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025ގެ ތިންވަނަ ކުއާޓަރަށްވުރެ %36 އިތުރު އަދަދެކެވެ. މި ކުއާޓަރުގައި ނެޓް އިންޓަރެސްޓް އިންކަމްގެ ގޮތުގައި 874.8 މިލިއަން ރުފިޔާ (2025ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 729.7 މިލިއަން ރުފިޔާ) ލިބިފައިވާއިރު، އިންޓަރެސްޓް ނޫން އާމްދަނީގެ ގޮތުގައި 377.53 މިލިއަން ރުފިޔާ (2025ވަނަ އަހަރުގެ ތިންވަނަ ކުއާޓަރު: 355.9 މިލިއަން ރުފިޔާ) ލިބިފައިވެއެވެ.
މި ނަތީޖާ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28ގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައި ވެސް އެންމެ އެފިޝެންޓް އެއް ނަތީޖާއެވެ. ރިޓާން އޮން އިކުއިޓީ ހުރީ %14 ގައެވެ.
ބޭންކުގެ ބެލެންސް ޝީޓް ވެސް ވަނީ ފުޅާވެފައެވެ. 30 ސެޕްޓެންބަރު 2026ގައި ޖުމްލަ އެސެޓްސް ހުރީ 65.6 ބިލިއަން ރުފިޔާގައެވެ. ނެޓް ލޯންސް އެންޑް އެޑްވާންސަސް 32.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 42.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެސެޓް ކޮލިޓީ ވެސް ރަނގަޅުވެ، ސްޓޭޖް 3 ލޯނު ރޭޝިއޯ ވަނީ 31 ޑިސެމްބަރު 2025ގައި ހުރި %6.0އިން 30 ސެޕްޓެމްބަރު 2026ގެ ނިޔަލަށް %4.8 އަށް ދަށްކުރެވިފައެވެ. އަދި މި މުއްދަތުގައި ޕްރޮވިޝަން ކަވަރޭޖް ވަނީ %100ގައި ދެމެހެއްޓިފައެވެ.
