52 މިލިއަން ރުޕީސްގެ އަގުހުރި ޓީބީ ބޭސް އިންޑިއާއިން ލަންކާއަށް ހަދިޔާކޮށްފި
ކޮލަމްބޯ - ސްރީލަންކާގައި ޓިއުބަކިއުލޯސިސް (ޓީބީ) އަށް ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް މެދުކެނޑުމެއްނެތި ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، އިންޑިއާއިން އެ ޤައުމަށް ޓީބީ ބޭހުގެ ބޮޑު ޝިޕްމަންޓެއް ހަދިޔާކޮށްފިއެވެ.
ކޮލަމްބޯގައި ހުންނަ ޞިއްޙަތާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ބޭސްތައް ލަންކާ ސަރުކާރާ ޙަވާލުކޮށްދެއްވީ އިންޑިއާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންތޯޝް ޖާ އެވެ. ލަންކާގެ ފަރާތުން މިއެހީއާ ޙަވާލުވެވަޑައިގަތީ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދަ ޖަޔަތިއްސަ އެވެ. މީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ޑރ. ހަންސަކަ ވިޖެމުނި ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ލަންކާ ސަރުކާރުން އެކަމަށް އެދުމާ ގުޅިގެން، އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ އެއްބާރުލުމާއެކުގައެވެ.
އިންޑިއާއިން ހަދިޔާކުރި މި ޝިޕްމަންޓުގައި ގާތްގަނޑަކަށް 3 ޓަނުގެ ޓީބީ ބޭސް ހިމެނެއެވެ. އޭގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ ގުޅަ ބޭސް ހިމެނޭއިރު، މީގެ އަންދާސީ އަގަކީ 52 މިލިއަން ރުޕީސް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ތަކެތީގެ ތެރޭގައި ޓީބީ ބަލީގެ ފަރުވާއަށް ބޭނުންކުރާ ފުރަތަމަ މަރުޙަލާގެ މުހިންމު ބޭސްތައް ހިމެނޭކަމަށާއި، މީގެ ސަބަބުން ލަންކާގެ ބަލިމީހުންނަށް ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
މިއީ ލަންކާގެ ޢާންމު ޞިއްޙަތުގެ ދާއިރާއަށް ބޭނުންވާ ކަންކަމުގައި އިންޑިއާއިން އިޖާބަދިން އިތުރު ފަހަރެކެވެ. މީގެ ކުރިން، އޮގަސްޓު 2026 ގައި ލަންކާގައި ޑެންގީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެދުމުން، އިންޑިއާއިން ވަނީ 500 ލީޓަރުގެ ޓެކްނިކަލް މެލަތިއޯން ވެސް އެ ޤައުމަށް ހަދިޔާކޮށްފައެވެ.
ޞިއްޙީ ދާއިރާއިން އިންޑިއާއާއި ސްރީލަންކާއާ ދެމެދު ޒަމާންވީ ގާތް ގުޅުމެއް އޮވެއެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ބިނާކުރުމާއި ތަރައްޤީކުރުމުގެ އިތުރުން، ބޭހާއި މެޑިކަލް އިކުއިޕްމަންޓް ފޯރުކޮށްދިނުމާއި، މީހުން ބިނާކުރުމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ކުއްލި ޙާލަތްތަކުގައާއި ޞިއްޙީ ގޮތުން އެހީތެރިކަމަށް ބޭނުންވާ ދަނޑިވަޅުތަކުގައިވެސް އިންޑިއާއިން އަބަދުވެސް އަންނަނީ ލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
