ވިލިމާލެ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް "އަމާން ހިޔާ" އިމާރާތަށް ބަދަލުކޮށްފި
ވިލިމާލެ ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް "އަމާން ހިޔާ"އިމާރާތަށް ބަދަލުކޮށްފިއެވެ.
ވިލިމާލެ ހޮސްޕިޓަލުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހޮސްޕިޓަލުން ދެމުން އައި އެންމެހާ ހިދުމަތްތައް ވިލިމާލޭގައި ހުންނަ "އަމާން ހިޔާ"އަށް އިއްޔެއިން ފެށިގެން ބަދަލުކޮށްފައިވާ ކަމަށެވެ.
މިއީ ވިލިމާލެ ހޮސްޕިޓަލް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ މަސައްކަތް ފަށަން ވެގެން ނިންމި ނިންމުމެކެވެ.
ސަރުކާރުން ނިންމާފައިވަނީ ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި 100އެނދުގެ ހޮސްޕިޓަލެއް އެޅުމަށެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން ވިލިމާލޭގައި އަޅާ ޒަމާނީ ހޮސްޕިޓަލާއެކު ގުޅިފަޅުގައި އާބާދޫވާ ފަރާތްތަކަށް ވިލިމާލެ ހޮސްޕިޓަލު ބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ.
ތިލަމާލެ ބުރިޖުން ވިލިމާލެއާ ގުޅިފަޅު ގުޅާލާއިރު އެ ފަޅުން މިހާރު ވަނީ ގޯތިތައް ވެސް ހަވާލުކޮށްފައެވެ.
