ވިޔަފާރި

ސެޕްޓެމްބަރު މަހު ޑޮލަރުގެ އާމްދަނީ ދަށްވި ނަމަވެސް، ޓޫރިޒަމް ޓެކްސް އިތުރު

ފާތިމަތު އަފްނާން ، ދެން އޮންލައިން
ގައުމީ އެއާލައިން މޯލްޑިވިއަންއިން އައި ޓޫރިސްޓުންތަކެއް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މި އަހަރުގެ ސެޕްޓެމްބަރ މަހު ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެއްޖެއެވެ. ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މައިގަނޑު ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2026ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޑޮލަރުގެ ގޮތުގައި ލިބިފައި ވަނީ 126.81 މިލިއަން ޑޮލަރެވެ. މިއީ 2025ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލިބުނު 150.24 މިލިއަން ޑޮލަރާ އަޅާބަލާއިރު %10.7ގެ ދަށްވުމެކެވެ.

މި ދަށްވުމުގެ މައިގަނޑު ސަބަބަކީ 2025ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ބޮޑު އާމްދަނީއެއް ލިބިފައިވުމާއި، ޖެނެރަލް ސެކްޓަރު ޖީއެސްޓީ ދަށްވުމެވެ.

ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް، އެންމެ ގިނައިން ޑޮލަރު ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ ޓެކްސްތަކަށް ވަނީ ކުރިއެރުން ލިބިފައެވެ. އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 51.5 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރުވި އަދަދެކެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 27.6 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ވެސް ކުރިއެރުމެކެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ 13.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

އެހެން ނަމަވެސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް އިން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ފީން 11.45 މިލިއަން ޑޮލަރު ލިބިފައިވާއިރު، ޑިޕާޗާ ޓެކްސް އިން ލިބިފައި ވަނީ 11.24 މިލިއަން ޑޮލަރެވެ.

މީރާއިން ފާހަގަކޮށްފައިވާ ގޮތުގައި، އޮގަސްޓް 2026ގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކުރި ވަރަށްވުރެ %18 އިތުރުވުމަކީ ޓީ.ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑިއަށް ފައިސާ ދެއްކުމާއި ބާކީ ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން ވެސް އާމްދަނީ އިތުރުވުމަށް ވަނީ މަގުފަހިވެފައެވެ.

Ads by Ooredoo