15 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްގެ ނިޒާމެއް ގާއިމުކުރަނީ
15މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް (ސޯލާ ޕީވީ ސިސްޓަމް)އަދި 15މެގަވޮޓް-އަވާ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް)ރާއްޖޭގައި ގާއިމުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކުރަން މަސައްކަތް ފަށައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ޗައިނާގެ ޒެޖިއަންގް ޗިންގްޓިއަން ސޯލާ އެނާޖީ ޓެކްނޮލޮޖީ ކޯ ލިމިޓެޑާއާއެކު އެކަމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
އެ އެމްއޯޔޫގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޙުސައިން އަގީލް ނަސީރެވެ. އަދި ޒެޖިއަންގް ޗިންގްޓިއަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ވައިސް ޕްރެޒިޑެންޓް މިސްޓަރ ޑޮންގްޓިންގ ހޭ އެވެ.
މި އެއްބަސްވުމަކީ ރާއްޖޭގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް، އިއާދަކުރަނިވި ހަކަތަ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުންޏެވެ.
އަދޮ މީގެއިތުރުން، 2028ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް މި މަޝްރޫޢުގެ ސަބަބުން ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
